އިޓަލީގައި ހަލުވި ކަމާއިއެކު މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އިޓާލިއަން ކަޕްގެ ދެވަނަ ލެގުގައި ޔުވެންޓަސް އާއި އޭސީ މިލާން ބައްދަލުކުރާ މެޗު ފަސްކޮށްފިއެވެ.
ކޮރޯނާވައިރަސް ޖެހިގެން އިޓަލީގައި މިހާތަނަށް 27 މީހުން މަރުވެފައިވާއިރު، ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިޓަލީގެ 79 މީހަކަށް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. މިއާއެކު އިޓަލީގައި މި ބަލިޖެހުނު މީހުންގެ އަދަދު 250 އަށް ވުރެ މިވަނީ މަތިވެފައެވެ.
ކޮރޯނާވައިރަހުގެ ސަބަބުން އިޓަލީ ސަރުކާރުން ވަނީ އެގައުމުގެ ތިން ސިޓީ އަކާއި ދެ ޕްރޮވިންސްއެއްގައި ހިނގަމުންދާ ކުޅިވަރު ހަރަކާތްތައް ހުއްޓާލުމަށް ނިންމާފައެވެ. މި ސަރަހައްދު ތަކަކީ ލޯމްބަޑީ، ވެނެޓޯ އަދި އެމީލިއާ ރޮމޭނިއާ އެވެ.
މެޗު ފަސްކުރިކަން މިހާތަނަށް އައިއިރު އިޓަލީގެ އެފްއޭ އިން ހާމަނުކުރި ނަމަވެސް ޔުވެންޓަސްއިން ނެރުނު ބަޔާނެއްގައި ބުނީ ކޮރޯނާވައިރަހުގެ ސަބަބުން އިޓާލިއަން ކަޕްގައި ޔުވެންޓަސްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގުގެ މެޗު ފަސްކުރުމަށް އިޓަލީގެ އެފްއޭ އިން ނިންމާފައިވާ ކަމަށެވެ. އަދި މި މެޗު ދެން އޮންނާނެ ވަކި ދުވަހެން އަދި މިހާތަނަށް ނާންގާ ކަމަށްވެސް އެ ކްލަބުން ވަނީ ބުނެފައެވެ.
ކޮރޯނާވައިރަހުގެ ސަބަބުން ޔުވެންޓަސް އާއި އޭސީ މިލާން ބައްދަލުކުރާ މެޗު ފަސްކުރި ނަމަވެސް އިޓާލިއަން ކަޕްގެ އެހެން މެޗުތައް ކުރިޔަށްދާނެ އެވެ.
ކޮރޯނާވައިރަހުގެ ސަބަބުން އިޓާލިއަން ލީގުގެ ގިނަ މެޗުތަކެއްވެސް އަންނަނީ ފަސްކުރަމުންނެވެ. އެގޮތުން ނިމިދިޔަ ހަފުތާ އިޓާލިއަން ލީގުގައި ކުޅުނީ އެންމެ ހަތަރު މެޗެވެ.
އިޓާލިއަން ކަޕްގެ ފުރަތަމަ ލެގުގައި ޔުވެަންޓަސް އާއި މިލާން ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރުވެގެންނެވެ.