ޖީއެސްޓީ އާއި އިންކަމް ޓެކްސްގެ ބަދަލުގައި ލޭންޑް ވެލިއު ޓެކްސް ނަގަން ހުށައަޅަން އާންމު ރައްޔިތުންގެ ޕާޓީ (އޭއާރްޕީ) އިން ނިންމައިފިއެވެ.
ލޭންޑް ވެލިއު ޓެކްސް އަކީ ބިމުގެ އަގުން ނެގޭ ޓެކްސް އެކެވެ. އެ ޓެކްސް އަކީ ކުރީގެ އިސްލާމީ ޙިލާފަތުގައި ނަގަމުން ދިޔަ އަލް ޙަރަޖު ނަމަކަށް ކިޔާ ޓެކްސްއާ އެއްގޮތް ޓެކްސް އެކެވެ. މިޒަމާނުގައި މި ޓެކްސް ބޮޑަށް މަޝްހޫރުވެފައި ވަނީ ލޭންޑް ވެލިއު ޓެކްސް ގެ ނަމުންނެވެ. މިއީ ޕްރޮޕަޓީ ޓެކްސް އާ ތަފާތު ޓެކްސް އެކެވެ.
އޭއާރްޕީން ދެކޭ ގޮތުގައި ޖީއެސްޓީ އާއި އިންކަމް ޓެކްސް ގެ ބަދަލުގައި އެލްވީޓީ ނެގުމުން ރާއްޖެއަށް ދިމާވެފައިވާ ވަރަށް ގިނަ މައްސަލަތައް ހައްލުވެގެން ދާނެއެވެ. އަދި ރައްޔިތުންގެ ޖީބަށް ވަރަށް ބޮޑުތަނުން ލުއިވެގެން ދާނެކަމެއް ކަމަށް ދެކޭ ކަމަށް އެ ޕާޓީން ބުންޏެވެ.
ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ފާސް ކުރި އިންކަމް ޓެކްސް ގެ ސަބަބުން ވެސް ބައެއް ތަކެއްޗާ ކުލީގެ އަގު ބޮޑުވާނެ ކަމަށް ގިނަ މީހުން ދެކެއެވެ. ދާދި ފަހުން އުފެދުނު އާއްމު ރައްޔިތުންގެ ޕާޓީން ބުނީ، ރާއްޖެއަށް ދިމާވެފައިވާ ބޮޑު ކުލީގެ މައްސަލަވެސް ދާއިމީ ގޮތަކަށް ހައްލެއް މި ޓެކްސް ގެ ސަބަބުން ލިބޭނެ ކަމަށާއި، ހަމައެއާއި އެކު ޓެކްސް ނެގޭނީ ބިމުގެ އިގްތިސޯދީ އަގުން ކަމަށް ވުމުން ބިމުގެ ވެރިންނަށް ބިން ފައިދާ ހުރި ގޮތްގޮތަށް ބޭނުން ކުރަން ޖެހިގެންދާނެ ކަމަށެވެ.
އޭއާރުޕީން ހުށައަޅާ އެލްވީޓީ ގެ ސަބަބުން އެކި އެކި ވިޔަފާރި ބޭނުންތަކަށް ވިޔަފާރިތަކުން ނަގާފައިވާ ބިންތަކާ ރިސޯޓުތަކުން ވެސް އިިގްތިސޯދީ މަންފާ ނުނެރެވޭނަމަ އެ ބިންތައް ފައިދާ ހުރި ވިޔަފާރިތަކަށް ބަދަލު ކުރުން ނުވަތަ ދޫކޮށްލަން ބިމުގެ ވެރިންނަށް ޖެހޭނެ. މިގޮތުން އެކި ގޮތްގޮތުން ވިޔަފާރީގެ ބޭނުމަށް ކަމަށްބުނެ ދާޖަހާ ބަންދުކޮށްފައިވަ ވަރަށް ގިނަ ބިންތައް ރާއްޖޭގެ އެކި ހިސާބުތަކުގައި އެބަހުއްޓެވެ. އަދި ނުހެދި ހުރި އެތައް ސަތޭކަ ރިސޯޓް ތަކާ އެމްއެމްޕީއާރުސީގެ ޙިޔާނާތުގެ ތެރެއިން އެކި ފަރާތްތަކަށް ދޫކުރެވުނު ރަށްތަކާ ފަޅުތަށް ވެސް މިޓެކްސް ގެ ސަބަބުން ވީއްލިގެން ދާނެ ކަމަށް ބެލެވޭއާންމު ރައްޔިތުންގެ ޕާޓީން ނެރުނު ނޫސް ބަޔާން
އާންމު ރައްޔިތުންގެ ޕާޓީން ދެކޭގޮތުގައި އިންކަމް ޓެކްސް ނެގުމުން ދިވެހިން އިސްތިސްނާ ކުރެވުނަސް އިންކަމް ޓެކްސްގެ ބަޔާން ހުށައަޅަން ޖެހޭނެއެވެ. އޭގެ ބޭނުމަކީ މުދަލުގެ ޒަކާތުގެ ނިސޯބު ހަމަވާ ވަރަށް އާމްދަނީ ލިބޭތޯ ބެލުމާ، ކޮރަޕްޝަނާ ނުހައްގު މުއްސަނދިކަން ލިބިގަތުން ހުއްޓުވުމުން ކަމަށް އެ ޕާޓީން ބުންޏެވެ.
އޭއާރްޕީއަކީ މިއަހަރު ފެބްރުއަރީ ފަހެއްގައި އުފައްދަން ހުއްދަ ދެވުނު އާ ސިޔާސީ ޕާޓީ އެކެވެ. އެ ޕާޓީ އިން ވަނީ ތަފާތު އިގްތިސޯދީ ވިސްނުންތަކެއް ހުށައަޅަމުން ސޯޝަލް މީޑިއާގައި ކެމްޕޭއިން ކުރަމުންނެވެ. އެ ގޮތުން ހުރިހާ ދިވެހި ރައްޔިތުންނަށް އިނާޔަތް ދިނުމުގެ އުސޫލު މި ޕާޓީ އިން ވަނީ ވަރަށް ފަހުން އާއްމު ކޮށްފައެވެ. އަދި ކުރިޔަށް ވެސް ވަރަށް ތަފާތު އާ އިގްތސޯދީ، ގައުމީ އަދި ދީނީ ސިޔާސަތުތައް ހާމަ ކުރާނެ ކަމަށް އެޕާޓީ އިން ބުނެއެވެ.