ލާމަރުކަޒީ ނިޒާމާ ދެކޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން، 2018 ވަނަ އަހަރުގެ ރިޔާސީ ބަހުސްގައި ދެއްކެވި ވާހަކަފުޅު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އިއްވައިފި އެވެ.
އަންގާރަ ދުވަހުގެ ޖަލްސާގައި މަތީ ތައުލީމުގެ ބިލަށް ވާހަކަދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރ އަދި އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފު އެވާހަަކަފުޅު އިއްވަވަމުން ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އިދިކޮޅު ފަރާތްތަކުން ގަބޫލުކުރާ ނިޒާމެއް ނޫންކަމަށެވެ. ހަސަން ލަތީފު ވިދާޅުވީ މަތީ ތައުލީމުގެ ބިލުގައި ތަންފީޒުކުރަން ހުރި ކަންކަން ލާމަރުކަޒީ އުސޫލުން އެކަން ކުރަންޖެހޭ ކަމަށެވެ. ބިލުގައި ހުރި ކަންކަން މަރުކަޒީކޮށް ކުރުމަށް ދޫކޮށްލެވެން ނެތްކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. ލާމަަރުކަޒީ އުސޫލުން މަތީ ތައުލީމުގެ ހުރިހާ ކަމެއް ކުރުމަކީ އެމްޑީޕީން ބާރުއަޅާ ކަމެއްކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.
ލާމަރުކަޒީ އުސޫލުން ކަންކަން ކުރުމުގެ ވާހަކަ ދައްކަނީ އެކަމުގެ ވިސްނުން އެމްޑީޕީގައި ހުރީތީކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. އެހެންނަަމަވެސް އިދިކޮޅު ފަރާތްތަކުން އެވާހަކަ ދައްކަމުންދަނީ އެވިސްނުން އޮވެގެން ނޫންކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. އިންތިޚާބެއް އޮތީތީ ޕީޕީއެމްއިން ވެސް މިއިންތިޚާބަށް ކުރިމަތިލާފައިވާކަމަށް ވިދާޅުވެ ހަސަން ލަތީފު ވިދާޅުވީ އެހެންނަމަވެސް ޕީޕީއެމްގެ ލީޑަރު މިކަމުގައި ވިސްނުންފުޅު ހުރި ގޮތް ސާފުކަމަށެވެ. އެއީ ޔާމީން ގަބޫލުފުޅުވެސް ނުކުރައްވާ ވިސްނުންފުޅެއް ކަމަށް ވިދާޅުވެ ހަސަން ލަތީފު ވަނީ ފޯނުން ޔާމީން ދެއްކެވި ވާހަކަފުޅު އިއްވަވާފަ އެވެ.
ލާމަރުކަޒީ ނިޒާމާ ދެކޮޅަށް ޔާމީން ދެއްކެވި ވާހަކަފުޅަކީ ގައުމީ ޔުނިވަރސިޓީން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ ބަހުސްގައި އެމަނިކުފާނާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ދެއްކެވި ވާހަކަފުޅެކެވެ. ރިޔާސީ ބަހުސްގައި ޔާމީނާ އެ ސުވާލު ކުރައްވައި މިހާރުގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން (ޗަބީ)އެވެ.
ޔާމީނާއި ކުރައްވާ ސުވާލަކީ ލާމަރުކަޒީ ނިޒާމަކީ ރާއްޖެއަށް އެކަށޭނެ ނިޒާމެއް ކަމަށް ގަބޫލުފުޅު ކުރައްވަންތޯ އެވެ. ޖަވާބުގައި ރައީސް ޔާމީން ވިދާޅުވަނީ " އަޅުގަނޑު ގަބޫލެއް ނުކުރަން" އެވެ. ސަބަބު ބަޔާކުރުމަށް އެއްސެވުމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ " އަޅުގަނޑު ގަބޫލުނުކުރާ ސަބަބަކީ ލާމަރުކަޒީ ނިޒާމު ހިންގަން އުޅެގެން ވަރަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިލައިފި. " އެވެ.
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ވިސްނުމެއް ކަމަށާއި އެނިޒާމު ހިންގޭނީ އެޕާޓީއަށް ކަމަށް އެމްޑީޕީން ބުނަމުންދާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ. އެމްޑީޕީން އަންނަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ހިންގުމަށް ސިޔާސަތުތައް ރާވާ ހިންގަމުންނެވެ. އެގޮތުން ކައުންސިލްތައް ކުރިއަށްވުރެ ބޮޑަށް ބާރުކުރުވާ މާލީގޮތުން ބާރުވެރިކުރުވުމަށް ލާމަރުކަޒީ ނިޒާމުގެ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު މިއަހަރުގެ ބަޖެޓްގައިވެސް ވަނީ ކައުންސިލްތަކުން މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ގޮތަށް ފައިސާ ހަމަޖައްސާފަ އެވެ. އަދި މިހާރުވެސް ބައެއް މަޝްރޫޢުތައް ލާމަރުކަޒީ ނިޒާމުން ހިންގުމަށް ކައުންސިލްތަކަށް ވަނީ އެމަޝްރޫޢުތައް ހިންގުމަށް ހަވާލުކޮށްފަ އެވެ.