ފަސް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައިވާ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި އޭނާގެ ކުރީގެ ކްލަބު ރެއާލް މެޑްރިޑަށް ބަދަލުވާން ބޭނުންވާ ކަމަށް ސްޕެއިން އަދި އިޓަލީގެ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ރޮނާލްޑޯ ވަނީ އާދީއްތަ ދުވަހުގެރޭ ކުޅުނު އެލް ކްލަސިކޯ މެޗު ބަލަން މެޑްރިޑަށް ގޮސްފައެވެ. އަދި މެޗުގެ ހާފް ޓައިމްގައި ރޮނާލްޑޯ ވަނީ ރެއާލްގެ ޗޭންޖިންގ ރޫމަށް ގޮސް ކުޅުންތެރިންނަށް ހިތްވަރު ދީފައެވެ. ކްލަސިކޯ މެޗު ރެއާލުން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯ ބޭނުންވަނީ އޭނާގެ ކުރީގެ ކްލަބް ރެއާލްއަށް ބަދަލުވާންށެވެ. ސްޕެއިންގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ރޮނާލްޑޯ ޔުވެންޓަސްގައި ހުރީ އެންމެ ހިތްހަމަ ޖެހިގެން ނޫން ކަމަށާއި، އޭނާ މި ސީޒަނަށް ފަހު އެނބުރި ރެއާލްއަށް ބަދަލުވާން ބޭނުންވާކަމަށް ރެއާލްގެ ރައީސް ޕެރޭޒް ކައިރީ މިހާރު ވަނީ ބުނެފައެވެ.
ރެއާލް އާއެކު ރޮނާލްޑޯ ހޭދަކުރި 9 އަހަރަކީ އޭނާގެ ކެރިޔަރުގައި އެންމެ ކާމިޔާބު ދުވަސްތަކެވެ. ރެއާލްއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ރޮނާލްޑޯ އެނބުރި ރެއާލްއަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް ގަދަވެފައިވާއިރު އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް މި ސީޒަނަށް ފަހު އެޓީމު ދޫކޮށްލަން އުޅޭ ކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފައެވެ.
ރެއާލުން ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގު ނެގިއިރު، ރޮނާލްޑޯ އަކީ އެޓީމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ.