މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ޔޫރޯ ފުޓްބޯޅަ މުބާރާތާއި ޗެމްޕިއަންސް ލީގު ފަސްކުރުމަށް މަޝްވަރާކުރަން ޔުއެފާއިން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ޔޫރަޕްގެ ގިނަ ގައުމުތަކުން ކޮރޯނާ ވައިރަސް ފެނިފައިވާއިރު، ގިނަ ގައުމުތަކުން އަންނަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ކްލަބު ލެވެލްގެ ގިނަ މެޗުތައް ސަޕޯޓަރުން ނުވައްދައި ކުޅެންވެސް މިހާރު ވަނީ ނިންމާފައެވެ. އަދި ބައެއް މެޗުތައް މިހާރު ވަނީ ފަސްކޮށްފައެވެ.
ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މި ވައިރަސް އިތުރަށް ފެތުރުމުގެ ބިރު އެބައޮތް ކަމަށް ގިނަ ރިޕޯޓުތައް ބުނަމުންދާއިރު، އަންނަ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތާއި މިހާރު ކުރިއަށްދާ ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗުތައް ފަސްކުރުމަށް މަޝްވަރާކުރަން ޔުއެފާއިން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެގޮތުން ކުރިއަށް އޮތް ޔުއެފާގެ ކޮންގްރެސްގައި މިކަމާ ގުޅިގެން މެމްބަރު 55 ގައުމުގެ އެސޯސިއޭޝަންތަކާއެކު މަޝްވަރާކުރަން މިހާރު ވަނީ ނިންމާފައެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 އިގެ މެޗުތައް މިހާރު ކުރިއަށްދާއިރު، ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތް މިއަހަރު ބޭއްވުމަށް ނިންމާފައިވަނީ ޔޫރަޕްގެ 12 ސިޓީއެއްގައެވެ.
ޔުއެފާގެ ދެ މުބާރާތެއް ފަސްކުރުމަށް މަޝްވަރާކުރަން ތައްޔާރުވެފައިވާއިރު، ދާދި ފަހުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ކޮރޯނާ ވައިރަހުގެ ސަބަބުން ބައިނަލްއަގުވާމީ ފުޓްބޯޅަ މެޗުތައްވެސް ފަސްކުރަން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ.
ފުޓްބޯޅަ ކުޅުންތެރިންގެ ޔޫނިއަން ފިފްޕްރޯ އިން އަންނަނީ މި ވައިރަހުގެ ސަބަބުން ވަގުތުން ވަގުތަށް ކަންތައްތައް ކުރަންޖެހޭ ގޮތް ބަލައި އެކަން ކުރުމަށް ޓާސްކްފޯހެއްގެ އެހީގައި މަސައްކަތްކުރަމުންނެވެ. އަދި އެ ޖަމިއްޔާ އިން އަންނަނީ މި ވައިރަހުގެ ކަންތައްތަކާ ގުޅިގެން ކުޅުންތެރިންގެ ފަރާތުން ހުށަހަޅަން ޖެހޭ ކަންތައްތައް އެކި ގައުމުތަކުގެ އެސޯސިއޭޝަންތަކާ ހިއްސާކުރަމުންނެވެ.
ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގައި މިހާރު އޮތީ ވަގުތީ ގޮތުން ހުރިހާ ފުޓްބޯޅަ ހަރަކާތެއް ހުއްޓާލާފައެވެ. ދެން ޔޫރަޕުގައި މި ވައިރަސް އެންމެ ބޮޑަށް ފެތުރެމުން އަންނަ އިޓަލީން ވަނީ ސަލާމަތީ ގޮތުން ގިނަ ފަޔަވަޅުތަކެއް މިހާރު އަޅާފައެވެ.
މިހާތަނަށް ކޮރޯނާ ވައިރަސް ޖެހިގެން 3،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.