ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އައްޑަނަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އުފުލާލައިފި އެވެ.
މިއީ މާޒިޔާ އިން ލީގުގެ ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. އެ ޓީމުން މީގެ ކުރިން ލީގު ހޯދީ 2016 ވަނަ އަހަރު އެވެ. މާޒިޔާ އިން މި ފަހަރުގެ ލީގު ނިންމާލީ 21 މެޗުން 51 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް އީގަލްސްއަށް 21 މެޗުން 45 ޕޮއިންޓު ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޓީސީއަށް 21 މެޗުން ލިބިފައިވަނީ 41 ޕޮއިންޓެވެ.
ލީގުފެ ފަހު މެޗުގައި ހޯމަ ދުވަހުގެރޭ އީގަލްސްއިން ވަނީ 2-1 އިން މާޒިޔާ ބަލިކޮށްފައެވެ.
މި މެޗާ ކުރިމަތިލިއިރުވެސް މާޒިޔާއަށް ލީގު ކަށަވަރުވެފައި އޮތުމުން، އެޓީމުން މެޗަށް ނުކުތީ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 22 ވަނަ މިނެޓުގައި އީގަލްސްއިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެކަމަކު އޭރިއާ ތެރެއިން އަހުމަދު ރިޒުވާން (ރިޒޭ) މުޅިން ހުހަށްހުރެ ފޮނުވާލި ބޯޅަ މާޒިޔާގެ ގޯލްކީޕަރު ހުސެއިން ޝަރީފް ވަނީ ދިފާއުކޮށްފައެވެ.
މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލޯޑު ނެގީ އީގަލްސް އިންނެވެ. މެޗުގެ 38 ވަނަ މިނެޓުގައި ހަސަން ރާއިފު އަހުމަދު (ހަންނަ) ގެ އެހީއާއެކު މި ލަނޑު ކާމިޔާބުކޮށްދިނީ ޓޮޝީކީ އޮކަމޯޓޯ އެވެ.
ދެވަނަ ހާފުގައި މާޒިޔާއިން ކުޅުން ރަނގަޅުކުރިއިރު، ނަތީޖާ އެއްވަރުކުރުމަށް 63 ވަނަ މިނެޓުގައި އެޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މާޒިޔާއަށް މި ޕެނަލްޓީ ލިބުނީ އޭރިއާ ތެރެއިން އީގަލްސްގެ ޑިފެންޑަރު ކޮމިލޯވްގެ އަތުގައި ބޯޅަ ޖެހުމުންނެވެ. އެކަމަކު މާޒިޔާގެ އިބްރާހީމް ވަހީދު ހަސަން (އިއްބެ) ފޮނުވާލި ޕެނަލްޓީ، އީގަލްސްގެ ގޯލްކީޕަރު މުހައްމަދު ސިނާހު ވަނީ ދިފާއުކޮށްފައެވެ. އޭގެ ފަހުން 74 ވަނަ މިނެޓުގައި މުހައްމަދު ސާމިރު ހިލޭ ޖެހުމަކުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.
މާޒިޔާއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، މެޗުގެ 82 ވަނަ މިނެޓުގައި ރިޒޭ ވަނީ އީގަލްސްއަށް ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި މާޒިޔާއިން ފަރަގު ކުޑަކުރީ 88 ވަނަ މިނެޓުގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފަރުހާދު އިސްމާއިލް (ފަރޭ) ހެދި ގޯހެއްގެ ފައިދާ ނަގާ މި ލަނޑު ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.
މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް އީގަލްސް ހޮވުނުއިރު، އެންމެ މޮޅު ގޯލްކީޕަރަކީ މާޒިޔާގެ ގޯލްކީޕަރު އޮވޭސް އަޒީޒީ އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އައްޑަނަ މާޒިޔާއިން އުފުލާލިއިރު، އެޓީމަށް މި ސީޒަނުގައި ބާކީ އަދި ދެ މުބާރާތް އެބައޮތެވެ. އެއީ އެފްއޭ ކަޕްގެ އިތުރުން ޕްރެޒިޑެންޓްސް ކަޕެވެ. އޭގެ އިތުރަށް އެޓީމު މިހާރު ވަނީ މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުންވެސް ޖާގަ ހޯދާފައެވެ.