Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 21:28
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މަސްވެރިކަން ތަރައްޤީކުރަނީ މަސްވެރިކަމުގެ އަސްލު ނުގެއްލޭގޮތަށް: ޒަހާ
ޒަމާނީ މަސްވެރިކަމަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ކަންކަމަކީ ކޮބައިތޯ ބެލުމުގެ ގޮތުން އެކަމުގެ ޚާއްސަ ދިރާސާއެއް ކުރެވިފައިނެތް
މަސްވެރިކަން ކުރިއެރުމަށް ނުވަތަ ޒަމާނީ ކުރުމަށް ކުރެވިދާނެ ކަންކަން ފާހަގަކުރެވިފައި އެބަހުރި ކަމަށް މިނިސްޓަރ ވިދާޅުވި

މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގައި ގެންގުޅުއްވާ ވިސްނުމަކީ ރައްޖޭގައި ޒަމާނުއްސުރެ ކުރަމުން އައި މަސްވެރިކަމުގެ އަސްލު ނުގެއްލޭ ގޮތަށް، ޒަމާނީ މަސްވެރިކަމުގެ ސިފަތަކާއި ޓެކްނޮލޮޖީގެ އުކުޅުތައް ބޭނުންކުރުން ކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު ވަނީ ޒަމާނީ މަސްވެރިކަމަކަށް މަސްވެރިކަން ހެދުމަށް ކުރަމުންދާ މަސައްކަތްތަކާއި ދިރާސާތަކާއި ގުޅޭގޮތުން މިނިސްޓަރާއި ސުވާލުކުރައްވާފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ޒަމާނުއްސުރެ އޮތް ތިމާވެއްޓާ ރައްޓެހި މަސްވެރިކަމަކީ ދުނިޔެއަށް މަޝްހޫރު މަސްވެރިކަމެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ބާނާ މަހަކީ ދުނިޔޭގެ ބާޒާރުގައި އެއަށް ޑިމާންޑު އޮތް އެކަށީގެންވާ މާކެޓް އޮތް މަހެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

މިނިސްޓަރ ވިދާޅުވީ ޒަމާނީ މަސްވެރިކަމަކަށް ވަނީ މާކެޓް ބަލައިގަންނަ އަދި ކޮންސިއުމަރުންގެ މެދުގައިވެސް މަގްބޫލް މަސްވެރިކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަަށެވެ. އަދި މިހާރު ކުރަމުންދާ މަސްވެރިކަމުގެ އެންމެ ޚާއްސަ އެއް ސިފައަކީ އެމަސްވެރި ކަމުގައި ފައިދާ ގިނަ ބަޔަކަށް ބެހިގެންދާ ގޮތް ނުވަތަ ވެލްތު ޑިސްޓްރިބިޔުޓް ކުރުމަށް ފަހިވާގޮތަށް އޮތުންކަމަށް ވިދާޅުވިއެވެ.

އަހަރެއްގެ މައްޗަށް ބާނާ އެއް ލައްކަ ޓަނުގެ މަހަކީ 15 ހާހަށްވުރެ ގިނަ މަސްވެރިންގެ 700 އެތައް އުޅަނދެއްގައި ބާނާ މަސް. މިއާ ޚިލާފަށް އިންޑަސްޓްރިއަލް ފްލީޓްތަކިގައި ދާ ޖަހާ 10 ވަރަކަށް ބޯޓުން އަހަރެއްގެ މައްޗަށް މިއަދަދަށް މަސް ހިފޭނެ. މިއީ މަދުބައެއްގެ އަތުގައި މަސްވެރިކަމުގެ ނަފާ ގެ ބޮޑުބައެއް ތާށިވުމުގެ މަގުފަހި ވެގެންދާ ކަމެއް. ގަބޫލުކުރާ ގޮތުގައި ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތަކީ ގިނަ ބަޔަކަށް އެކަމުގެ ފައިދާ ލިބޭގޮތަށް މަސްވެރިކަމުގެ ސިނާޢަތު ބައްޓަންވެފައި އޮތުން.
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން ޒަމާނީ މަސްވެރިކަމަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ކަންކަމަކީ ކޮބައިތޯ ބެލުމުގެ ގޮތުން އެކަމުގެ ޚާއްސަ ދިރާސާއެއް ކުރެވިފައިނެތް ކަމަށެވެ. އެހެންނަމަވެސް މަސްވެރިކަމާއި ގުޅޭގޮތުން އެކިއެކި ޕްލޭންތައް ފަރުމާ ކުރެވިފައިވާ މަސައްކަތްތަކުގައި މިފަދަ ކަންކަމަށް އަލިއަޅުވާލެވި މަސްވެރިކަން ކުރިއެރުމަށް ނުވަތަ ޒަމާނީ ކުރުމަށް ކުރެވިދާނެ ކަންކަން ފާހަގަކުރެވިފައި އެބަހުރި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އަދި މިގޮތުން މަސްވެރިކަން ޒަމާނީ ކުރުމަށް މިނިސްޓްރީގެ ފަރާތުން އެކި މަރުހަލާގައި އެކި މަސައްކަތްތައް ކުރެވިފައި އެބަހުރި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މަސްވެރިކަމުގެ އެކި ޖެނެރޭޝަންތަކުގެ މަސްދޯނި މަސްވެރިކަމަށް ނެރުމަށް މިނިސްޓްރީގެ ފަރާތުން ވާނީ މަޝްރޫޢުތައް ހިންގާފައި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ދޯނި ފަރުމާއަށް އައިސްފައިވާ ބަދަލުތަކަކީ މިނިސްޓްރީން ބޮޑު ބައިވެރިވުމެއް އެކަމުގައިވާކަމެއް. އަދި ދޯނިފަހަރުގައި ތާޒާކޮށް މަސް ބެހެއްޓުމަށް އައިސް ބޭނުންކުރަން ފެށުމާއި ވަތުގައި ފެން ފިނިކުރާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތާއި ފެންވަތުގައި ގިނަ އެން ރައްކާ ކުރެވޭނެ ބަދަލުތައް އަދި މީގެ އިތުރުން މަސް ޕްރޮސެސް ކުރުމުގައިވެސް ޒަމާނީ ސިފަތަކާއި ވަސީލަތްތައް ގާއިމުކުރުމަށް ޕްރޮޖެކްޓްތައް ހިންގިފައިވާނެ. ދޯނި ފަހަރުގައި ދޫނި ރާޑަރާއި އެކޯ ސައުންޑް އަދި ޖީޕީއެސް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ޕްރޮޖެކްޓްތައް ވަނީ ހިންގިފައި. މިސަރުކާރުގެ ފަސް އަހަރުގެ ސްޓްރީޖިކް އެކްޝަން ޕްލޭންގައިވެސް މަސްވެރިކަން ހިންގާ ޒަމާނީ އެކި ވަސީލަތްތައް ގާއިމުކުރުމާއި އެކި ކަންކަން ވާނީ ހިމެނިފައި. އުޅަނދުފަހަރުގެ ސަލާމަތީ ރައްކާތެރިކަމަށް އަދި މަސްވެރިކަން ބެލެހެއްޓުމުގެ މަގްސަދުގައިވެސް ވެސެލް ޓްރެކިންގ ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް މިހާރު ވާނީ ފަށާފައި.
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު

މިނިސްޓަރ ވިދާޅުވީ މިނިޒާމު މެދުވެރިކޮށް މުއާސަލާތުގެ ލުއިގޮތްތަކެއް ތަޢާރަފްކުރެވި ހާލުގައި ޖެހޭ ހާލަތުގައި ކޯސްޓްގާޑަށް ހިލޭ ގުޅޭ ނިޒާމު ގާއިމު ކުރެވިގެންދާނެ ކަމަށެވެ.

ގިނަ ދުވަހު ކަނޑުމަތީގައި ހޭދަކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މަސްދޯނީގެ އައު ޑިޒައިން ތަރައްޤީކުރެވޭ ގޮތަށް މަސްވެރިކަމަށް ތަޢާރަފްކުރެވޭ ސްޓްރީޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި އަމާޒުކުރައްވަނީ އިތުރަށް ޓެކްނޮލޮޖީ ގެންނަކަމަށްވާނަމަ ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީ ގެނައުންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް