ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިންޓަ ފެކަލްޓީ ވޮލީ މުބާރާތް އާދީއްތަ ދުވަހުގެރޭ ފަށައިފިއެވެ.
އެމްއެންޔޫއެސްޔޫ އިން 2016 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ބާއްވާ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ވޮލީ މުބާރާތުގެ އަންހެން ޑިވިޝަނުގައި ޖުމްލަ 8 ޓީމު ބައިވެރިވާއިރު، މި މުބާރާތުގެ ފިރިވިޝަނުގައި 7 ޓީމު ބައިވެރިވާނެހެން ޑިއެވެ.
މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހައިލައިގެންނެވެ. އަދި މި މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 7 ވަނަ ދުވަހު އެވެ. މުބާރާތުގެ ގަވައިދު ބުނާ ގޮތުން ގްރޫޕް ސްޓޭޖެ މެޗުތައް ކުޅެވިގެންދާނީ ތިން ސެޓަށެވެ.
މި މުބާރާތުގައި އާދީއްތަ ދުވަހުގެރޭ ކުޅެވިގެންދިޔައީ އަންހެން ޑިވިޝަނުގެ ތިން މެޗެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ ގްރޫޕް އޭގެ ސްކޫލް އޮފް ނާސިންގ އަދި ފެކަލްޓީ އޮފް އެޑިއުކޭޝަނެވެ. މި މެޗު ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ސްކޫލް އޮފް ނާސިންގ އިންނެވެ. މެޗުގެ ސެޓުތައް ސްކޫލް އޮފް ނާސިންގް އިން ގެންދިޔައީ 05-25 އަދި 11-25 އިންނެވެ.
ދެވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕް ބީގެ ސީއެފްއެސް އަދި ފެސްޓް އެވެ. މި މެޗު ފަސޭހަ ކަމާއިއެކު ކާމިޔާބު ކޮށްފައިވަނީ ސީއެފްއެސް އިންނެވެ. މެޗުގެ ސެޓުތައް ސީއެފްއެސް އިން ގެންދިޔައީ 12-25 އަދި 10-25 އިންނެވެ.
އާދީއްތަ ދުވަހުގެރޭ ކުޅެވުނު ތިންވަނަ މެޗުގައި ބައްދަލުކުރީ އެމްއެންޔޫ ބިޒްނަސް ސްކޫލް އަދި ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް އެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ބިޒްނަސް ސްކޫލުން ކާމިޔާބުކުރީ ވެސް ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ބީއެސް އިން ގެންދިޔައީ 16-25 އަދި 14-25 އިންނެވެ.
މުބާރާތުގެ މެޗުތައް ހޯމަ ދުވަހުގެ ރޭ ވެސް ކުޅެވިގެންދާނެ އެވެ. ހޯމަ ދުވަހުގެރޭ ކުޅޭނީ ފިރިހެން ޑިވިޝަނުގެ މެޗުތަކެވެ.