Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 17:52
ވަޅިން ހަމަލާދީ މަރާލާވިފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް
ވަޅިން ހަމަލާދީ މަރާލާވިފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް
ފޭސްބުކް
އަނަސްގެ މަރު/ ޝަރީއަތުގެ އަޑުއެހުން
އަނަސްގެ މަރު: މިއަދުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފި
އަޑުއެހުން ކެންސަލްކުރީ ގަޑިއިރަކަށްވުރެ ގިނަ އިރުވީ ފަހުން
ސިއްރުނޫން 4 ހެކިންގެ ހެކިބަސް ނެގުމަށް ބާއްވަން އުޅުނު އަޑުއެހުމެއް
އަނަސް މަރާލީ ގަލޮޅު ލިޓަސް ސާވިސް ސެންޓަރު ތެރޭގައި 2017 ވަަނަ އަހަރު، އެންމެން ވަނީ ދައުވާއަށް އިންކާރުކޮށްފަ

ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ހިމެނޭ ސިއްރު ނޫން ހެކިވެރިންގެ ހެކިބަސް ނެގުމަށް ހޯމަ ދުވަހު ބާއްވަން އުޅުނު ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލް ކޮށްފި އެވެ.

ހޯމަ ދުވަހުގެ އަޑުއެހުމަށް، ދައުވާ ލިބޭ މީހުންނާއި ނޫސްވެރިންނާއި އަޑުއެހުމަށް ހާޒިރުވި އާންމުންގެ ބަޔަކު އެތައް އިރަކު ބޭތިއްބުމަށްފަހު، ކްރިމިނަލް ކޯޓުން ކެންސަލް ކުރިކަމަށް ބުނީ ގަޑިއިރަކަށްވުރެ ގިނަ ވަގުތު ކޯޓުގައި ބޭތިއްބުމަށްފަހުގަ އެވެ.

މި އަޑުއެހުން ތާވަލުކޮށްފައިވަނީ ހޯމަ ދުވަހުގެ މެންދުރު 13:30 އަށެވެ. އަޑުއެހުން ކެންސަލް ކުރިކަން ކޯޓު އޮފިޝަލް ވިދާޅުވީ ދެގަޑި 14:30ގެ ފަހުން ނެވެ. ކޯޓް އޮފިޝަލް ވިދާޅުވީ އަޑުއެހުން ކެންސަލް ކުރަންޖެހުނީ ދިފާއީ ވަކީލު އެހެން ޝަރީއަތެއްގެ އަޑުއެހުމުގައި ހުންނަވަން ޖެހިވަޑައިގެންނެވުމުން ކަމަށެވެ.

މި މައްސަލައިގައި އަނަސްއަށް ޙަމަލާ ދިނުމުގައި ޢަމަލީގޮތުން ބައިވެރިވިކަމުގެ ދަޢުވާލިބޭ 3 މީހުންނަކީ ޅ. ކުރެންދޫ އަސުރުމާގޭ އަޙްމަދު ޒަޔާނާއި، މ. ދިމިޝްގު، އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާޤުއެވެ.

އޭގެ އިތުރުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދަޢުވާ އުފުލާފައިވަނީ 4 މީހެއްގެ މައްޗަށެވެ. އެއީ، ލ. ގަން ތުނޑީ ނަންނާރިގޭ، ޖުނައިހު ޢަބްދުﷲ އާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި، ތ. ކިނބިދޫ ގުލްފާމުގޭ، މުޙައްމަދު ޝާޒާއި، ދަފްތަރު ނަންބަރު 1746، ސިމާހް މޫސާ އެވެ.

Advertisement

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ ނިމިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. ނަމަވެސް އެދުވަހު ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުން ފަސްކޮށްފައިވަނީ އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ފަރާތަކަށް ލިއެކިއުން ލިބިފައިނުވާތީއެވެ.

އެގޮތުން އަނަސް މަރާލުމުގައި ބައިވެރިވުމުގެ ދަޢުވާލިބޭ ޖުނައިޙުގެ މިހާރުގެ ވަކީލު އާދަމް އާސިފް ވިދާޅުވީ، މި މައްސަލައިގައި ޖުނައިޙުގެ ފަރާތުން ކުރިން ވަކާލާތު ކޮށްފައިވަނީ އެހެން ވަކީލެއް ކަމަށާއި، އެހެންވުމާއެކު އޭނާއަށް މި މައްސަލައިގެ ލިއެކިއުންތައް ލިބިފައިނުވާ ކަމަށެވެ.

އޭގެ އިތުރުން، އެ ދުވަހު މައްސަލައިގެ ސީން އޮފް ކްރައިމް ރިޕޯޓް ތައްޔާރުކުރި އޮފިސަރާއި، ވީޑިއޯ އެންޑް އިމޭޖް އަނާލިސިސް ރިޕޯޓް ތައްޔާރުކުރި އޮފިސަރު ހެކިބަސް ދިނުމަށް ހާޒިރުވެ ތިބި ނަމަވެސް ދިފާއަށް ލިއެކިއުންތައް ލިބިފައިނުވާއިރު ހެކިބަސް ނެގުމަކީ ދިފާއުވުމުގެ ޙައްޤަށް އުނިކަން އަންނަ ކަމެއްގެ ގޮތުގައި ދައުލަތުންވެސް ފާހަގަކޮށްފައިވާތީ މައްސަލަ ބައްލަވާ ގާޒީ މުޙައްމަދު ސަމީރް ވަނީ އެކަމަށް ރިޢާޔަތް ކުރައްވާފައެވެ.

މި މައްސަލައިގައި ދައުލަތުން 7 މީހެއްގެ މައްޗަށް ދައުވާކޮށްފައިވާއިރު، ދައުވާލިބޭ 7 މީހުންވެސް ދައުވާއަށް އިންކާރު ކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް