ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އެލް ކްލަސިކޯގައި ހަދައިފައިވާ ރެކޯޑު ރެއާލްގެ ޒުވާން ފޯވަރޑް ވިނިޝިއަސް ޖޫނިއާ މުގުރާލާފިއެވެ.
މެސީ ހެދި ރެކޯޑް ވިނިޝިއަސް މުގުރާލީ އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގައި ވިނިޝިއަސް ޖެހި ލަނޑާއެކު 21 ވަނަ ގަރުނުގައި އެލް ކްލަސިކޯގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔަކަށް ވެގެންދިޔައީ ވިނިޝިއަސް އެވެ. ވިނިޝިއަސް ލަނޑު ޖެހިއިރު އޭނާގެ އުމުރަކީ 19 އަހަރާއި 233 ދުވަހެއެވެ. މީގެ 13 އަހަރު ކުރިން މެސީ މި ރެކޯޑު ހެދިއިރު އޭނާގެ އުމުރަކީ 19 އަހަރާއި 259 ދުވަހެވެ.
2007 ވަނަ އަހަރުގެ މާޗު މަހު ކުޅުނު އެލް ކްލަސިކޯ މެޗު ނިމިގެންދިޔައީ 3-3 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ބާސާއިން ކާމިޔާބުކުރި ތިން ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ މެސީ އެވެ. މެސީގެ ރެކޯޑް ވިނިޝިއަސް މުގުރާލިއިރު އޭނާ މި ރެކޯޑް މުގުރާލީ 26 ދުވަސް ހަގުކޮށެވެ.
އާދީއްތަ ދުވަހުގެރޭ ރެއާލުން ވި މޮޅާއެކު ރެއާލުން ސްޕެނިޝް ލީގުގެ އެއްވަނަ އަށް ޖެހިލިއިރު އެޓީމަށް ވަނީ އެލް ކްލަސަކީގައި ބާސާއަށް ވުރެ އިތުރަށް މޮޅުވެފައެވެ. ބާސެލޯނާއިން 72 އެލް ކްލަސިކޯ މެޗު ކާމިޔާބު ކޮށްފައިވާއިރު އާދީއްތަ ދުވަހުގެރޭ ވި މޮޅާއެކު ރެއާލުން ވަނީ 73 ވަނަ ކްލަސިކޯ މޮޅު ހޯދައިފައެވެ. އަދި މި ދެޓީމު ބައްދަލުކުރި 35 އެލް ކްލަސިކޯ މެޗު ނިމިގެންދިޔައީ އެއްވަރު ވެގެންނެވެ.
މީގެ އިތުރުން މި މެޗުގައި ރެއާލުން ކާމިޔާބު ކުރި ދެ ލަނޑާއެކު ރެއާލް ވެގެން ގޮސްފައިވަނީ ސްޕެނިޝް ލީގުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ޓީމަށެވެ. ރެއާލުން ވަނީ ސްޕެނިޝް ލީގުގައި މިހާތަނަށް 6152 (ހަ ހާސް ސަތޭކަ ފަންސާސް ދޭއް) ލަނޑު ޖަހައިފައެވެ.