އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ އެވަޓަން އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވިއިރު، ފަހަތުން އަރައި ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް ޔުނައިޓެޑްގެ ފަހަތުގައި ވުލްވްސް ވިއްދައިފި އެވެ.
ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން އެވަޓަން އާއި ޔުނައިޓެޑް އެއްވަރުވީ 1-1 އިންނެވެ.
އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އެވަޓަންއިން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ތިންވަނަ މިނެޓުގައި ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އޭރިއާ ތެރެއިން ފޮނުވާލަން މަސައްކަތްކުރި ބޯޅަ ގޯލުގެ ތެރެއަށް ވަނީ އެވަޓަންގެ ފޯވާޑް ޑޮމިނިކް ކެލްވަޓް-ލެވިންގެ ފައިގައި ޖެހިފައެވެ.
އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 31 ވަނަ މިނެޓުގައި ނެމަންޖާ މަޓިޗް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭސް އެވެ. މިއީ މިދިޔަ ޖެނުއަރީ މަހު ޔުނައިޓެޑަށް ބަދަލުވުމަށްފަހު ބްރޫނޯ ފެނާންޑޭސް ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.
އޭގެ ފަހުން ދެ ޓީމުގެ ފަރާތުންވެސް ރަނގަޅު ހަމަލާތަކެއް މި މެޗުގައި ފެނިގެންދިޔައިރު، މެޗު ނިމެން ގާތްވެފައި ވަނިކޮށް، އެވަޓަންގެ ކެލްވަޓް-ލެވިން އެވަޓަންއަށް އިތުރު ލަނޑެއް ޖަހައިދިން ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) އިން ވަނީ އެ ލަނޑު ބާތިލުކޮށްފައެވެ. އެ ލަނޑު ބާތިލުކުރީ ކެލްވަޓް-ލެވިން ފޮނުވާލި ބޯޅަ، ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގުއާ ގައިގަ ޖެހިފައި ބައިކޮޅަށް ގޯލަށް ވަންނަމުން ދިޔަ ވަގުތު، އެވަޓަންގެ ގިލްފީ ސިގަޑްސަން އޮފްސައިޑް މަގާމެއްގައި ހުރެ ބޯޅައަށް ހަރަކާތްކުރި ކަމަށް ބުނެ އެވެ. އެވަޓަންގެ ލަނޑު ބާތިލްކުރުމުން އެ ޓީމުގެ ކުޅުންތެރިންނާއި ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އަދި މެޗަށްފަހު ރެފްރީ ވަނީ އެންޗެލޯޓީއަށް ރަތް ކާޑެއްވެސް ދައްކާފައެވެ.
މި މެޗު އެއްވަރުވުމުން އެވަޓަން ވަނީ 28 މެޗުން 37 ޕޮއިންޓާއެކު ތާވަލުގެ 11 ވަނައަށް ޖެހިލާފައެވެ. ޔުނައިޓެޑު އޮތީ 28 މެޗުން 42 ޕޮއިންޓާއެކު ފަސްވަނައިގައެވެ.
އާދީއްތަ ދުވަހުގެރޭގެ މެޗުން ޔުނައިޓެޑް އެއްވަރުވިއިރު، ތާވަލުގެ ހަވަނައިގައި އޮތް ވުލްވްސް ވަނީ ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށް ޕޮއިންޓުގެ ގޮތުން ޔުނައިޓެޑާ އެއްވަރުކޮށްފައެވެ. ވުލްވްސް އަށްވެސް 28 މެޗުން 42 ޕޮއިންޓު ލިބިފައިވާއިރު، ޔުނައިޓެޑަށް ކުރިލިބެނީ ލަނޑުގެ ތަފާތުންނެވެ. ވުލްވްސް އަތުން ބަލިވި ޓޮޓެންހަމް އޮތީ ތާވަލުގެ ހަތްވަނައިގައި 28 މެޗުން 40 ޕޮއިންޓާއެކު އެވެ.
ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މެޗުން ވުލްވްސް ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޓޮޓެންހަމުންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ ދާދި ފަހުން އެޓީމާ ގުޅުނު ފޯވާޑް ސްޓީވެން ބާގްވައިން އެވެ. އެކަމަކު 27 ވަނަ މިނެޓުގައި ވުލްވްސް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޑިފެންޑަރު މެޓް ޑޮހާޓީ އެވެ.
ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޑިފެންޑަރު ސާޖް އޮރިއޭގެ ލަނޑުން ޓޮޓެންހަމުން ދެވަނަ ފަހަރަށް ލީޑު ނެގި ނަމަވެސް، ވުލްވްސް އިން ވަނީ ދެވަނަ ހާފުގައި ދެ ލަނޑު ޖަހާ އެޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. މެޗުގެ 57 ވަނަ މިނެޓުގައި ޑިއޯގޯ ޖޯޓާގެ ލަނޑުން ވުލްވްސްއިން ނަތީޖާ އެއްވަރުކުރިއިރު، އެޓީމަށް ލީޑު ނަގައިދިނީ މެޗުގެ 73 ވަނަ މިނެޓުގައި ޖޯޓާ ތަނަވަސްކޮށްދިން ފުރުސަތަކުން ފޯވާޑް ރައުލް ހިމެނޭޒް އެވެ.