Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 00:23
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ގޮވާލާ ބޭއްވި އެއްވުމުގެ ތެރެއިން
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ގޮވާލާ ބޭއްވި އެއްވުމުގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ޖެންޑަރ މިނިސްޓްރީ
ކުޑަކުދިންގެ ހައްގުތަކަށް ތަކުރާރުކޮށް އިހުމާލުވަމުންދާ ފަރާތްތަކުގެ މައުލޫމާތު ނުބެލެހެއްޓޭ!
ތަކުރާރުކޮށް ޝަކުވާ ހުށަހެޅުނު ކަމުގައިވިޔަސް މައްސަލަތަކާއި ގުޅޭގޮތުން ބަލަހައްޓަމުން ގެންދާ ކޭސް ފައިލުތައް ވަކިވަކިން ބަލައިގެން މެނުވީ މިކަންކަން ދެނެނުގަނެވޭ

ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅޭ ޝަކުވާތަކާއި ބަލަމުންދާ މައްސަލަތަކުގެ މައުލޫމާތު ބަލަހައްޓަމުންދާ ކޭސް ޓްރެކިންގ އެކްސެލް ފައިލުގައި ކުޑަކުދިންގެ ޙައްޤުތަކަށް އިހުމާލުވަމުންދާ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހިމަނަމުން ނުދާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.

މިއޮޑިޓަކީ މިއަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވާ ކަންކަމުގެ ތެރެއިން ކުޑަކުދިންގެ މައްސަލަތައް ތަހުޤީޤުކޮށް އެ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ މަތިކޮށްފައިވާ ޖެންޑަރ މިނިސްޓްރީގެ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފެމިލީ ސަޕޯޓް ޑިޕާޓްމަންޓުން ކުރަމުންދާ މަސައްކަތްތަކުގެ ޕަރފޯމަންސް ދެނެގަތުމަށް ކޮށްފައިވާ އޮޑިޓެކެވެ.

އޮޑިޓްކުރުމަށްފަހު އޮޑިޓް އޮފީހުން އާންމުކޮށްފައިވާ ރިޕޯޓްގައި ބުނެފައިވަނީ އެހެން ހިނގަމުންދާތީ އެފަރާތަކާއި ގުޅޭގޮތުން ތަކުރާރުކޮށް ޝަކުވާ ހުށަހެޅުނު ކަމުގައިވިޔަސް މައްސަލަތަކާއި ގުޅޭގޮތުން ބަލަހައްޓަމުން ގެންދާ ކޭސް ފައިލުތައް ވަކިވަކިން ބަލައިގެން މެނުވީ މިކަންކަން ދެނެގަނެވޭނެ ގޮތެއް ނެތްކަމަށެވެ. ކޭސް ޓްރެކިންގގައި ހިމެނޭ މައުލޫމާތު ސިއްރު ހިފެހެއްޓުމުގެ ބޭނުމުގައި އަނިޔާއަށް ހުށަހެޅިފައިވާ ފަރާތުގެ ބައެއް ޒާތީ މައުލޫމާތުތައް އުނިކުރުމަށްފަހު މިފައިލް އޮޑިޓަރުންނާ ހިއްސާކޮށްފައިވާކަމަށާއި ލިބުނު މައުލޫމާތުތަކަށް ބަލާއިރު މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

Advertisement

އެހެންކަމުން މީގެތެރޭގައި އިހުމާލުވި ފަރާތަކީ އާއިލީ ގޮތުން އެކުދިންނާ ގުޅުން އޮންނަ ފަރާތްތައް ކަމާއި އިހުމާލުވާ ފަރާތްތަކުގެ އިތުރު މައްސަލައެއް ވާނަމަވެސް މިކަން ފަސޭހައިން ދެނެގަނެވެން ނެތްކަން ފާހަގަކުރެވޭކަމަށް މިރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އަދި މިގޮތަށް އާއިލާ ތެރޭގައި އިހުމާލުވާ ފަރާތްތައް އުޅޭއިރު އާއިލާ އާއި އަވަށްޓެރިންގެ ގޮތުގައި ހިމެނޭ އިތުރު ކުޑަކުދިން މިފަރާތްތަކުގެ އިހުމާލަށް ހުށަހެޅުމުންދާ ކަމުގައި ވީނަމަވެސް ކޭސްކަވަރުންނަށް މިކަން ފަސޭހައިން ދެނެގަނެވެން ނޯންނަކަމަށް ފާހަގަކުރެވޭކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.

މިކަން އިސްލާހުކުރުމަށް ރިޕޯޓްގައި ފާހަގަކޮށްފައިވަނީ މިނިސްޓްރީން ބަލަހައްޓަމުންދާ ކޭސް ޓްރެކިންގގެ މައުލޫމާތުގައި އިހުމާލުވާ ފަރާތްތަކުގެ ޒާތީ މައުލޫމާތުތައް ހިމެނުމަށާއި ތަކުރާރުކޮށް އިހުމާލުވާ ފަރާތްތަކުގެ މައްސަލަތައް ފަސޭހައިން ދެނެގަނެވޭނެ އިންތިޒާމު ގާއިމުކޮށް ބެލެހެއްޓުމަށާއި މިގޮތަށް ފާހަގަވާ ފަރާތްތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޖެންޑަރ މިނިސްޓްރީއަށް ވަނީ ލަފާދީފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް