Advertisement
ކ. މާލެ
|
1 މާރޗް 2020 | އާދީއްތަ 21:48
ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި، މެންބަރު އިބްރާހިމް ޝަހީގު
ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި، މެންބަރު އިބްރާހިމް ޝަހީގު
ރާއްޖެއެމްވީ
ސީއެސްސީ
ސީއެސްސީގެ ރައީސް ހިމެނޭގޮތަށް، 4 މެމްބަރުން މަގާމުން ވަކި ކުރުމަށް ކޮމިޓީން ފާސްކޮށްފި
މި ހަތަރު މެމްބަރުން މަގާމުން ވަކި ކުރުމަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ޙަސަން އަޙްމަދު
ތާއީދު ކުރެއްވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސަނީފް
ސީއެސްސީގެ މެމްބަރުން ވަކިކުރަނީ ޖަވާބުދާރީ ވުމަށް ފުރުސަތު ދިނުމަށް ފަހު

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ މައްސަލަތައް ބޮޑުވެ، އެންމެ ފަހުން އެ ކޮމިޝަނުގެ ހަތަރު މެންބަރުން މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.

ކޮމިޓީން މަޤާމުން ދުރުކުރުމަށް ނިންމާފައިވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި، މެންބަރު އިބްރާހިމް ޝަހީގުގެ އިތުރުން އަލްއުސްތާޛް ޒަކަރިއްޔާ ޙުސައިނެވެ.

މި ހަތަރު މެމްބަރުން މަގާމުން ވަކި ކުރުމަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ޙަސަން އަޙްމަދެވެ. އަދި މި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސަނީފްއެވެ. އަދި މި ހުށަހެޅުން ފާސްވެގެންދިޔައީ ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި ތިން މެމްބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީއަށް ވަޑައިނުގެންނެވުނު މެމްބަރުން ވެސް ކޮމެޓީން ފާސްކުރިގޮތަށް ތާއީދު ކުރައްވާ ކަމަށް ކޮމެޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވިއެވެ.

ހަތަރު މެމްބަރުން ވަކި ކުރުމަށް ކޮމިޓީން ފާސްކޮށްފައިވާއިރު އެ މެމްބަރުންނަށް ޖަވާބުދާރީ ވުމުގެ ފުރުސަތުދީފައިވެއެވެ. އެގޮތުން އެ މެމްބަރުންނާއި އެކު ބޭއްވުނު ބައްދަލުވުންތަކުގައި ކޮމިޓީއަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލައިލާއިރު ކޮމިޝަންގެ ބައެއް މެމްބަރުން ފާހަގަކުރެއްވި ގޮތުގައި ކޮމިޝަންގެ ރައީސް ގަޑިއަށް ވަޑައިނުގަތުމުގެ ސަބަބުން ޖަލްސާތައްނުބޭއްވި އެއްގަޑިއިރު ވަންދެން ކުރިއަށް ނުގެންދެވެއެވެ. އަދި ކޮމިޝަންގެ ރައީސް ވިދާޅުވާ ގޮތުގައި ކޮމިޝަންގެ ރައީސްގެ ނިންމުންތަކާއި ޚިލާފަށް އަމަލުކުރުމަށް ކޮމިޝަންގެ ނައިބު ރައީސް ވިދާޅުވަމުންގެންދަވާ ކަމަށެވެ. މި މޭރުމުން ކޮމިޝަންގެ މެމްބަރުން ވާހަކަދައްކަވާފައިވާއިރު ކޮމިޓީން ފާހަގަކޮށްފައިވަނީ ކޮމިޝަންގެ މެމްބަރުންނަށް އެކުގައި މަސައްކަތްކުރުމުގެ ގާބިލުކަން ނެތް ކަމަށެވެ.

ކޮމިޓީން ފާހަގަކުރި އިތުރު މައްސަލައަކަށް ބަލާލާއިރު ގއ. ވިލިގިލީގައި މީހަކު މަގާމުން ވަކިކުރި މައްސަލައިގައި ޕަރމެންނެޓް ސެކެޓްރީ (ޕީއެސް) ދޮގުހެކި ފޮނުވާފައިވާކަން އެ ކޮމިޝަންގެ މެމްބަރުންނަށް އެނގިހުރެ، ދެން ހުރި ހެކި ތަކަކީ ރަނގަޅު ހެކިތޯ ނުބަލާ އެމީހާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ މަގާމުން ވަކި ކޮށްފައިވާ މައްސަލައެއް ހިމެނެއެވެ. އަދި އެ މައްސަލަގައި ޕީއެސް އާއި މެދު އޭރު ފިޔަވަޅު އަޅާފައިނުވާކަން ކޮމިޓީން ފާހަގަކުރިއެވެ. އަދި ޕީއެސް އަށް ފިޔަވަޅު އެޅިގެންދިޔައީ މިހާރުގެ އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީގެ އެދިވަޑިގައިތުމުގެ މަތިން އެ މައްސަލަ އަލުން ތަހުގީގުކުރުމަށްފަހު ކަން ކޮމިޓީން ފާހަގަކުރިއެވެ.

މީގެއިތުރުން ޕީއެސްގެ މަގާމަށް ބޭފުޅުން އައްޔަނުކުރުމުގައި ކޮމިޝަންގެ މެމްބަރުން ސިޔާސީ ނުފޫޒުން އަމަލުކުރެއްވި ކަމަށް ކޮމިޓީއަށް ގަބޫލުކުރެވޭ ކަމަށް ކޮމެޓީގެ މުގައްރިރު ރޮޒެއިނާ ވިދާޅުވިއެވެ.

Advertisement

ރޮޒެއިނާ ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމަށްފަހު ޕީއެސްގެ މަގާމަށް މީހުން އައްޔަނުކުރާ އުސޫލުތަކަށް ބަދަލުގެނެވުނު ކަމަށެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އަމަލު ކުރަމުންދިޔަ އުސޫލުގައި ވާގޮތުން މިނިސްޓަރުގެ ލަފަޔާއި އެކު މަގާމަށް މީހުން އައްޔަނުކުރުމުގައި ބަލާނެ ޚާއްސަ ހުނަރުތައް އަދި މަގާމުގެ އަސާސީ ޝަރުތުތައް ކަނޑައަޅަންވާނެ ކަމަށެވެ. އަދި އެމަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަގާމަށް އައްޔަނުކުރެވިދާނެ ފަރާތްތަކުގެ މައުލޫމާތު އެ ޕީއެސްއެއް އައްޔަނުކުރުމަށް ހަމަޖެހިފައިވާ އިދާރާގެ މިނިސްޓަރާއި ހިއްސާ ކުރެވޭނެކަމަށާއި މިނިސްޓަރުގެ ލަފާއާއި އެކު އެމަގާމަށް މީހަކު އައްޔަނުކުރާނީ ކޮމިޝަނުން ކަމަށް އޭރު އުސޫލުގައިވެއެވެ.

ނަމަވެސް ފަހުން ބަދަލުގެނެވުނު އުސޫލުގައި ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7ގެ ސަނަދު ހާސިލުކޮށްފައިވުމާއި އެކު ދާއިރާގައި މަދުވެގެން 6 އަހަރު ދުވަހު މަސައްކަތްކޮށް، ތަޖުރިބާހުންނަން ޖެހެއެވެ. މިނިސްޓަރުގެ ލަފާގެ މަތިން ޝަރުތުކަނޑައެޅުމުގެ ބައި ވަނީ އުނިކޮށް އުސޫލަށް ބަދަލުގެނެސްފައިވާއިރު އިންޓަވިއުގެ މަރުހަލާއިން މަދުވެގެން 60 އިންސައްތަ ލިބި ކްރައިޓީރިއާގެ ޖުމްލަ އިންސައްތައިން މަދުވެގެން 50 އިއިންސައްތަ ލިބިފއިވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް ކަމަށް ވެސް ބަދަލުކޮށްފައިވެއެވެ. އެހެންކަމުން މިނިސްޓަރުގެ ލަފާއަކަށް ކޮމިޝަނުން އެދޭނީ އެ ކޮމިޝަނަށް ފެންނަ އެއް ފަރާތަކަށް ކަން ރޮޒެއިނާ ފާހަގަކުރެއްވިއެވެ.

އެގޮތުން ކޮމިޓީއަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާލާއިރު ޕީއެސްގެ މަގާމަށް ކުރިމަތިލައްވާ، އެ މަގާމަށް އައްޔަނުކުރުމަށް މިނިސްޓަރުގެ ލަފަޔަށް ކޮމިޝަނުން ފޮނުވާ ފަރާތްތަކަކީ އާއްމުކޮށް، އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓުން ނުވަތަ ޕީޕީއެމްގެ ފަރާތުން މަޖިލީހަށް ކުރިމަތިލުމަށްފަހު ނާކިޔާބުވި ފަރާތްތައް ކަމަށެވެ. އެގޮތަށް ނަން ފޮނުވޭ ފަރާތްތައް މިނިސްޓަރުން ބަލައިނުގަތުމުން އަނެއްކާވެސް ޝަރުތު ބަދަލުކުރަންޖެހި، އެމަގާމަށް މީހަކު އައްޔަނުނުކުރެވި ގިނަ ދުވަސްތަކެއް ހޭދަވާ ކަމަށް ކޮމިޓީގައި ވަޒީރުން ވަނީ ފާހަގަކުރައްވާފައެވެ.

ކޮމިޓީން ބުނީ ސީއެސްސީގެ މެމްބަރުން ވިދާޅުވަމުން ގެންދެވީ އަމަލުކުރަމުން ގެންދެވީ ގަވާއިދާއި އެއްގޮތަށް ކަމަށެވެ. ނަމަވެސް އެ ގަވާއިދުތަކަކީ ސީއެސްސީ އިން އެކުލަވާލާ ގަވާއިދުތަކަކަށް ވާއިރު އިސްލާހުކުރަންޖެހޭ ނަމަ ގަވާއިދަށް އިސްލާހުގެނައުމަކީ ކޮމިޝަންގެ ޒިންމާއެއްކަން ކޮމިޓީން ފާހަގަކުރިއެވެ. އަދި ގަވާއިދަށް ބަދަލުގެންނަން ޖެހޭ ކަމަށް ކޮމިޝަންގެ ވަކީލުވެސް ވިދާޅުވެފައިވާއިރު ލިޔުމަކުން އެގޮތަށް އަންގާފައިނުވާތީ އިސްލާހުކޮށްފައެއް ނުވެއެވެ.

ކޮމިޓީން ފާހަގަކުރި އިތުރު މައްސަލައަކަށް ބަލާލާއިރު ނައިބުރައީސްގެ ޝަރުތުހަމައެއް ނުވާކަމަށް އެ ކޮމިޝަންގެ ރައީސް ޝަމީމް ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަ ރައީސް އޮފީހަށް ނަންގަވާފައިވާ ކަމަށް އެ ކޮމިޝަންގެ ރައީސް ވިދާޅުވެފައިވާކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.ކޮމިޝަންގެ ނައިބުރައީސް ޝަރުތުހަމަނުވެ މަގާމުގައި ހުންނެވިއިރު، މަގާމުގެ ޝަރުތުހަމަނުވާކަމަށް ބުނެ މަގާމަށް އައްޔަނުކުރުމަށް ފަހު އެތައް މަހެއް ފަހުން މުވައްޒަފުން ވަކި ކޮށްފައިވާކަން ކޮމިޓީން ފާހަގަކުރިއެވެ. މިގޮތަށް ކަންކަން ވަމުންދާއިރު، ކޮމިޝަންގެ ނައިބުރައީސް މަގާމަށް ޝަރުތުހަމަނުވާކަން އެނގިހުރެ، މަގާމުގައި ހުންނެވުމުން އޭނާގެ ނަޒާހާތްތެރިކަމާއި މެދު ކޮމިޓީން ސުވާލުއުފައްދާފައިވެއެވެ.

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ މައްސަލަތައް ބޮޑުވެ، އެންމެ ފަހުން އެ ކޮމިޝަނުގެ ހަތަރު މެންބަރުން މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހެޅުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ 10 ފެބުރުއަރީ 2020ގައެވެ. އާ ގަވާއިދުގެ ދަށުން އެއްވެސް ބޭފުޅަކު މަޤާމަކުން ވަކި ކުރުމަށް ކޮމެޓީއަކަށް ފެނިއްޖެ ހާލަތުގައި މަޖިލީހުގެ ރައީސްގެ ސަމާލު ކަމަށް ގެންނަން ޖެހެއެވެ. އިސްލާޙު ކުރެވުނު ގަވާއިދުގައި މުސްތަޤިއްލު މުއައްސަސާތަކުގެ މެމްބަރުންނާއި މުސްތަޤިއްލު މަޤާމުތަކުގެ މީހުން ވަކި ކުރުމާއި ބެހޭ މާއްދާގައި ވާގޮތުން މީހަކު ވަކި ކުރުމަށްޓަކައި މަޖިލީހަށް ހުށަހެޅުމުން، އެ މީހެއްގެ ނަން މަޖިލީހުގައި އިއްވާ، ކަމާބެހޭ ކޮމެޓީއަށް ފޮނުވަންޖެހެއެވެ. އަދި އެމީހުން ވަކި ކުރެވޭނީ އެ މައްސަލަ އެ ކޮމެޓީއަކުން ދިރާސާ ކުރުމަށް ފަހު ނިންމާ ނިންމުމަށް އެކުލަވާލެވޭ ރިޕޯޓެއްގެ މައްޗަށް ބަހުޘްކޮށް، ނެގޭ ވޯޓަކަށް ފަހުއެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
1 މާރޗް 2020 | އާދީއްތަ 22:32
ސައީދު
އުފާ ވެއްޖެ. ސެލިއުޓް ކޮމިޓީ އަށް