ސްޕެނިޝް ލީގުގެ އެންމެ ބޮޑު މެޗުކަމަށް ގިނަ ބަޔަކު ދެކެމުން އަންނަ ބާސެލޯނާ އަދި ރެއާލް މެޑްރިޑްގެ ކުރިމަތިލުން (އެލް ކްލަސިކޯ)އަށް އާދީއްތަ ދުވަހުގެރޭ ދެ ޓީމުން ނުކުންނައިރު ޕްރެޝަރު ބޮޑީ ބާސެލޯނާއަށް ވުރެ ރެއާލް މެޑްރިޑަށް ކަމަށް ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން ބުނެފި އެވެ.
މި ދެޓީމު އާދީއްތަ ދުވަހުގެރޭގެ މެޗަށް ނުކުންނައިރު ބާސެލޯނާ ތާވަލުގެ އެއްވަނައިގައި އޮތީ ރެއާލަށް ވުރެ 2 ޕޮއިންޓް އިތުރަށް ލިބިގެންނެވެ.
ބާސާގެ ކޯޗު ސެޓިއެން ބުނީ މި މެޗަށް ބާސާއިން ނުކުންނައިރު ބާސާއަށްވުރެ ރެއާލަށް މި މެޗު މުހިންމަ ކަމަށާއި، މި މެޗަށް ރެއާލުން ނުކުންނާނީ މޮޅުވާންކަމަށެވެ. އަދި މި މެޗުން ބާސާ މޮޅުވެއްޖެ ނަމަ ބާސާއަށް ތާވަލުގެ އެއްވަނައިގައި ރެއާލަށް ވުރެ ފަސް ޕޮއިންޓް އިތުރަށް ލިބެން ރެއާލުން ބޭނުން ނުވާނެ ކަމަށެވެ.
ރެއާލުން އެންމެ ފަހުން ސްޕެނިޝް ލީގުގައި ކުޅުނު މެޗުން ސެލްޓަވީގޯ އަތުން އެއްވަރު ވެފައިވާއިރެ ނިމިދިޔަ ހަފްތާ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ އަތުން ރެއާލް ވަނީ 2-1 ގެ ނަތީޖާ އަކުން ބަލިވެފައެވެ.
ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ޒިދާން ބުނީ މެޗަށް ރެއާލުން ނުކުންނާނީ މިއީ ކިހާވަރެއްގެ މެޗެއްކަން ދަނެގެން ޓީމެއްގެ ގޮތުގައި ކުޅެ މޮޅުވާން ކަމަށާއި، މި މެޗަށް ރެއާލުން ނުކުންނައިރު ނުކުންނާނީ ފާއިތުވެދިޔަ ދެ މެޗުގެ ނަތީޖާ ހަނދާން ނައްތާލުމަށް ފަހު ކަމަށެވެ. މީގެ އިތުރުން ޒިދާން ބުނީ މި މެޗަށް ރެއާލް ނުކުންނައިރު ސަޕޯޓަރުންގެ އެހީ ޓީމަށް އެންމެ ފަހު މިނެޓާއި ޖެހެންދެން ބޭނުންވާނެ ކަމަށާއި، އެންމެ ފަހުން ކުޅުނު ދެމެޗުގެ ނަތީޖާގެ ސަބަބުން ސަޕޯޓަރުން ތިބީ މާޔޫސްވެފައިކަން އޭނާ އަށް އިނގޭކަމަށް ވެސް ޒިދާން ބުންޏެވެ.
މި ދެޓީމު އެންމެ ފަހުން ބައްދަލުކުރި ހަތް ފަހަރު ވެސް ރެއާލަށް ވަނީ ބާސާ އަތް ދަށުވެފައެވެ.
މި ދެޓީމު ބައްދަލުކުރާ މެޗު ފަށާނީ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 01:00 ގައެވެ.