އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުން ކަނޑައަޅައި ވީހާވެސް އަވަހަކަށް ފޯމް ހުށަހެޅުއްވުމަށް އެމްޑީޕީން އެދެފި އެވެ.
އިންތިބާހާގުޅޭ އެމްޑީޕީގެ ކެމްޕެއިން މައި އޮފީހުގައި އަދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެމްޕެއިން ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ، ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުންގެ ނަން އިލެކްޝަންސް ކޮމިިޝަނަށް ހުށަހެޅުމުގެ ފަހުތާރީހަކީ މި މާރޗު މަހުގެ 8 ވަނަށް ދުވަސް ކަމަށްވާތީ، އެމްޑީޕީގެ ކެންޑީޑޭޓުން ވީހާވެސް އަވަހަކަށް އެކަންކަން ހަމަޖެއްސުމަށް އެދިވަޑައިގަންވާ ކަމަށެވެ.
ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ހުށަހެޅުއްވުމަށް ފުރުސަތު މިހާރު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާކަމަށް، އަދި މިކަމުގެ ސުންގަޑިއަކީ 8 މާރޗު ކަމަށްވުމާއެކު ވީހާވެސް ގިނަ ބޭފުޅުން އޮބްޒާވަރުންނާއި މަންދޫބުންގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާނަމަ، އެބޭފުޅުންގެ ކެންޑިޑޭޓުންނާއި ނުވަތަ ކޯޑިނޭޓަރުންނާ ނުވަތަ ކެމްޕެއިން އޮފީހަށް ވަޑައިގެން މިމަސައްކަތް ކުރިއަށް ގެންދެވުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން،އެމްޑީޕީގެ ޑެޕިއުޓީ ސެކެރެޓަރީ ޖެނެރަލް އަދި ކެމްޕެއިން ސްޕޯކްސްޕާސަން އަފްޝަން ލަތީފް
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 2435 ކެންޑިޑޭޓުން ވާދަކުރައްވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހޮނިހިރު ދުވަހުގެރޭ ވަނީ ބުނެފަ އެވެ. އެގޮތުން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އެމްޑީޕީން ނެވެ. އެއީ 876 ކެންޑިޑޭޓުން ނެވެ.
އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ކުރިމަތިލާފައިވަނީ 679 ފަރާތެކެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީން 127، އަދާލަތު ޕާޓީން 30، އެމްޑީއޭ 22، އެމްއާރުއެމް 16، އެމްއެލްއެސްޑީޕީ 4، ޑީއާރުޕީ 1 އަދި އަމިއްލަ ގޮތުން 680 މީހަކު ވަނީ ކުރިމަތިލާފައިވެއެވެ.
މީގެއިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 1817 ފަރާތެއް ވަނީ ކުރިމަތިލާފައެވެ. އެއީ އެމްޑީޕީން 722، ޕީޕީއެމް 517، ޖޭޕީ 56، އަދާލަތު ޕާޓީ 25، އެމްޑީއޭ 20، އެމްއާރުއެމް 4 އަދި އަމިއްލަ ގޮތުން 473 މީހަކު ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މީގެއިތުރުން އިންތިހާބަކާ ނުލާ 15 ގޮނޑި ކަށަވަރުވެފައިވާ ކަމަށް އިކެލްޝަންސް ކޮމިޝަނުން ބުނެފައި ވެއެވެ. ވާދަކުރާނެ ކެންޑިޑޭޓެއް ކުރިމަތިލާފައި ނެތުމުން އެމްޑީޕީއަށް މިހާރު ވެސް މިވަނީ 13 ގޮނޑި ކަށަވަރު ވެފަ އެވެ. އަދި ދެ ގޮނޑިއަށް އަމިއްލަ ކެންޑިޑޭޓުން ހޮވިފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވެއެވެ.