ކ. މާލެ
|
1 މާރޗް 2020 | އާދީއްތަ 12:04
ބޮލޯނިއާ އާއި ލާޒިއޯ ބައްދަލުކުރި މެޗުގެ ތެރެއިން
ބޮލޯނިއާ އާއި ލާޒިއޯ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ބޮލޯނިއާ ބަލިކޮށް ލާޒިއޯ ތާވަލުގެ އެއްވަނައަށް
މި މެޗު ލާޒިއޯއިން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުން

އިޓާލިއަން ލީގުގައި ބޮލޯނިއާ ބަލިކޮށް، ލާޒިއޯ އިން ކާމިޔާބުކޮށް 2010 ވަނަ އަހަރުގެ ފަހުން އަލަށް ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.

ލާޒިއޯގެ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާ އަކުންނެވެ.

ލާޒިއޯ ތާވަލުގެ އެއްވަނަ އަށް ޖެހިލީ ދެވަނައިގައި އޮތް ޔުވެންޓަސް އަށްވުރެ އެއް މެޗު އިތުރަށް ކުޅެ ލިބުނު 62 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ޔުވެންޓަސް އަށް ލިބިފައިވަނީ 60 ޕޮއިންޓެވެ. އަދި ތާވަލުގެ ތިންވަނައިގައި އޮތް އިންޓަ މިލާނަށް ލިބިފައިވަނީ 54 ޕޮއިންޓެވެ.

މި ހަފްތާގައި ޔުވެންޓަސް އަދި އިންޓަ މިލާން ބައްދަލުކުރަން ހަމަޖެހިފައިވާ މެޗު ވަނީ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ފަސްކޮށްފައެވެ.

ހޮނިހިރު ދުވަހުގެރޭގެ މެޗުގައި ލާޒިއޯއިން ކާމިޔާބުކުރި ދެ ލަނޑު ވެސް އެޓީމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. މެޗުގައި ލާޒިއޯއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ލުއިސް އަލްބާޓޯ އެވެ. އޭގެ ތިން މިނެޓު ފަހުން ލާޒިއޯގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލްބާޓޯގެ އެހީތެރިކަމާއެކު ޖޮވަކީ ކޮރިއާ އެވެ.

މެޗުގެ ދެވަނަ ހާފުގައި ބޮލޯނިއާއިން ދެ ލަނޑު ޖެހި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު އެ ލަނޑުތައް ވަނީ ބާތިލުކޮށްފައެވެ.

ލާޒިއޯއަށް އެންމެ ފަހުން އިޓާލިއަން ލީގު ކާމިޔާބުކުރީ 1999-2000 ސީޒަނުގައެވެ. ހަމައެހެންމެ 2010-2011 ގެ ސީޒަނުގެ ފަހުން އިޓާލިއަން ލީގު ޔުވެންޓަސް ނޫން އެހެން ކްލަބަކުން އުފުލައިލާފައެއް ނުވެއެވެ. 2010-2011 ސީޒަން ކާމިޔާބުކޮށްފައިވަނީ އޭސީ މިލާނުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް