ފްރެންޗް ލީގުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަދި ޑިޔޮން ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ޕީއެސްޖީން ކާމިޔާބުކޮށްފި އެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗު ޕީއެސްޖީއިން ކާމިޔާބުކުރީ 4-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.
މެޗު ފަށައިގެން ތިންވަނަ މިނެޓުގައި ޕީއެސްޖީއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕަބްލޯ ސަރާބިއާ އެވެ. މި ލަނޑަށްފަހު ވެސް ޕީއެސްޖީއިން ދިޔައީ ޑިޔޮންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެކަމަކު ޑިޔޮންއިން ވަނީ މި ހާފުގައި ވަރުގަދަ ޑިފެންސް އެއް ކޮށް ޕީއެސްޖީގެ ހަމަލާތައް ހުއްޓުވައިފައެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ޕީއެސްޖީއިން އެޓީމުން ކުރަމުން ގެންދިޔަ އެޓޭކްތައް އިތުރަށް ވަރުގަދަކުރި އިރު މި ހާފުގެ 74 ވަނަ މިނެޓުގައި ޕީއެސްޖީއިން ވަނީ ލަނޑު ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުނަރުވެރި ފޯވާޑް ކީލިއަން އެމްބާޕޭ އެވެ. އަދި އޭގެ ދެ މިނެޓު ފަހުން މައުރޯ އިކާޑީ ވަނީ ލަނޑު ޕީއެސްޖީ އަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ޕީއެސްޖީގެ ފަހު ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ވެސް އެމްބާޕޭ އެވެ. މިއީ މި ސީޒަނުގައި އެމްބާޕޭ ފްރެންޗް ލީގުގައި ކާމިޔާބުކުރި 18 ވަނަ ލަނޑެވެ.
މި ނަތީޖާ އާއި އެކު ޕީއެސްޖީ އިން ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 27 މެޗުން ލިބުނު 68 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި މާސޭ އޮތީ ކުޅުނު 27 މެޗުން ލިބުނު 55 ޕޮއިންޓާ އެކުގައެވެ.