މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ފުރަތަމަ ފަހަރަށް ލިވަޕޫލް ބަލިވެއްޖެ އެވެ.
ލީގުގައި ލިވަޕޫލް ބަލިވީ ހޮނިހިރު ދުވަހުގެރޭ ވަޓްފޯޑް އަތުން 3-0 އިންނެވެ. މެޗަކުން ބަލިނުވެ ލީގު ޗެމްޕިއަންކަން ހޯދަން މަސައްކަތް ކުރަމުން އައި ލިވަޕޫލްގެ ސިލްސިއާއަށް ނިމުން އައިރު، މެޗަކުން ބަލިނުވެ ލީގު ކާމިޔާބުކުރި ހަމައެކަނި ޓީމަކީ އާސެނަލެވެ. އެޓީމު މެޗަކުން ބަލިނުވެ ލީގު ހޯދާފައިވަނީ 2003-2004 ވަނަ އަހަރުގެ ސީޒަނުގައެވެ.
ލިވަޕޫލަށް ބަލިނުވެ 44 މެޗު ހަމަކުރެވުނުއިރު، މެޗަކުން ބަލިނުވެ ލީގު ޗެމްޕިއަންކަން ހޯދައި ޖުމްލަ 49 މެޗު ހަމަކޮށްފައިވަނީ އާސެނަލުން އެކަންޏެވެ.
އަދި ވަޓްފޯޑް އަތުން ލިވަޕޫލް ބަލިވުމުން، ލީގުގައި ޖެހިޖެހިގެން 18 މެޗުން މޮޅުވެ މެންޗެސްޓާ ސިޓީން ހަދާފައިވާ ރެކޯޑް ލިވަޕޫލަށް މުގުރައެއް ނުލެވުނެވެ. އެކަމަކު ލިވަޕޫލުން ވަނީ ސިޓީގެ ރެކޯޑާ އެއްވަރުކޮށްފައެވެ.
ވަޓްފޯޑުގެ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ލިވަޕޫލްގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. މި މެޗުގައި ވަޓްފޯޑުން ވަނީ ދެވަނަ ހާފު ފަށައިގެން ގާތް ގާތުގައި ދެ ލަނޑު ޖަހާ ލިވަޕޫލް ހައިރާން ކޮށްލާފައެވެ. މި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލާ ސާ އެވެ. އަދި މެޗުގެ 72 ވަނަ މިނެޓުގައި ލިވަޕޫލްގެ ޑިފެންޑަރު ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ހެދި ގޯހެއްގެ ފައިދާ ނަގާ ވަޓްފޯޑުގެ ތިންވަނަ ލަނޑު ޖެހީ ޓްރޯއި ޑީނީ އެވެ.
ލީގުގައި ހޮނިހިރު ދުވަހުގެރޭ ވަޓްފޯޑް އަތުން ބަލިވި ނަމަވެސް، 30 އަހަރަށް ފަހު ލީގުގެ ޗެމްޕިއަންކަން ހޯދުމާ ގާތުގައި އޮތް ލިވަޕޫލަށް ދެން ލީގު ކަށަވަރުކުރަން ބޭނުންވަނީ 12 ޕޮއިންޓެވެ. މި ވަގުތު އެ ޓީމު އެއްވަނައިގައި އޮތީ 28 މެޗުން 79 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް 27 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ.