ކ. މާލެ
|
1 މާރޗް 2020 | އާދީއްތަ 08:18
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ކައުންސިލް އިންތިޚާބު
ކައުންސިލް އިންތިޚާބަށް އަދިވެސް 2345 އޮފިޝަލުން ބޭނުންވޭ
މިހާތަނަށް އާއިރު ލިބިފައިވަނީ 4041 އޮފިޝަލުން
އޮފިޝަލުން ހޯދުމަށް އީސީން އަންނަނީ އެކިފަރާތްތަކާ ވާހަކަދައްކައިގެން މަސައްކަތްކުރަމުން
އޮފިޝަލުންނަށް ދޭ އެލަވަންސް ވަނީ ބޮޑުކޮށްފައި

އަންނަ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް އަދިވެސް 2345 އޮފިޝަލުން ބޭނުންވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިޚާބާ ގުޅޭގޮތުން އެންމެ ފަހުގެ މަޢުލޫމާތު ނޫސްވެރިންނަށް ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ކައުންސިލް އިންތިޚާބަށް މުޅި ޖުމުލަ 6386 އޮފިޝަލުން ބޭނުންވާކަމަށެވެ. މިހާތަނަށް އާއިރު ލިބިފައިވަނީ 4041 އޮފިޝަލުންކަމަށް ޝަރީފް ވިދާޅުވި އެވެ. ޝަރީފް ވިދާޅުވީ މި 4041 އޮފިޝަލުންނަކީ އެކަމަށް ކުރިމަތިލައިގެން ނަގާފަ ތިބި އޮފިޝަލުން ނޫންކަމަށެވެ.

މިއީ ރަށްރަށުގައި މަސައްކަތްކުރާ ސިވިލް ސަރވެންޓުން ހިމަނައިގެން އަދި އެ ސިވިލް ސަރވެންޓުންނަށް ސިވިލް ސަރވިސް އިން އެކަމަށް އައްޔަނުކުރިކަން ނާންގާ ފަރާތްތައް. އޭގެ މާނައަކީ އަދި މިއަދަދު ސިވިލް ސަރވިސް އާ މަޝްވަރާކޮށްގެން ރަށްރަށުގައި ސިވިލް ސަރވިސްގައި ސްކޫލްތަކުގައި ސިއްހީ މަރުކަޒުތަކުގައި އަދި އެހެނިހެން ދައުލަތުގެ އެހެން މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހިމަނައިގެން 4041 ހަމަވަނީ.
އީސީގެ ރައީސް އަހުމަދު ޝަރީފް

ޝަރީފް ވިދާޅުވީ އިތުރަށް ބޭނުންވާ އޮފިޝަލުން ހޯދުމަށްޓަކައި ސިޔާސީ ޕާޓީތަކާއި އަދި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކާ މިހާރު ބައްދަލު ކުރަމުންދާ ކަމަށެވެ. އެތަންތަނުގައި ތިބި މުވައްޒަފުން އެކަމުގައި ބައިވެރިކޮށްދިނުމަށް ވާހަކަތައް ދައްކަމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

މިހާރު ސިޔާސީ ޕާޓީތަކާއެކީގައި މަޝްވަރާކޮށްފައިވާނީ ސިޔާސީ ޕާޓީތަކުގެ ފަރާތުންވެސް އޮފިޝަލުން ބޭނުންވާވަރަކަށް ކުރިމަތިލުމުގެ ފުރުސަތު އޮތްކަމަށް. އަދި އާންމު ރައްޔިތުންނަށްވެސް އަޅުގަނޑު ދަންނަވާލާނީ މިއިންތިޚާބުގައި މަސައްކަތްކޮށްދިނުމަށް އިލެކްޝަން ކޮމިޝަނަށް މިކަމުގައި އެހީތެރިވެދިނުމަށް ހުރިހާ ފަރާތްތަކުންވެސް އިސްނަންގަވައިގެން ކުރިމަތިލެއްވުމަށް އީސީގެ ފަރާތުން އިލްތިމާސްކުރަން. އަދި ރަށްރަށުގައި މަސައްކަތްކުރާ ފަރާތްތަކުންވެސް މިކަމުގައި އިސްނެންގެވުމަށް ދަންނަވަން.
އީސީގެ ރައީސް އަހުމަދު ޝަރީފް

ޝަރީފް ވިދާޅުވީ އެހެން އިންތިޚާބުތަކާއި ޚިލާފަށް މި އިންތިޚާބުގައި އޮފިޝަލުންނަށް ދޭ އެލަވަންސްވެސް ބޮޑުކޮށްފައިވާކަމަ ށެވެ. އެގޮތުން ފޮށީގެ ވެރިޔާގެ ގޮތުގައި މަސައްކަތްކުރާ ފަރާތަކަށް 1800 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ފޮށީގެ ވެރިޔާގެ އެހީތެރިއާއަށް 1600 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައިވާކަމަށެވެ. ޢާންމު އޮފިޝަލަކަށް މަސައްކަތްކުރާ ފަރާތަކަށް 1500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ގުނުމަށްޓަކައި ވަކިން ރެކްރޫޓް ކުރާ އޮފިޝަލުންތަކެއް ޙަރަކާތްތެރިވާނެ ކަމަށާއި އެމީހުން އުޅެންޖެހޭނީ ހަމައެކަނި ގުނާ ވަގުތުކަމަށް ޝަރީފް ވިދާޅުވި އެވެ. މި އޮފިޝަލުންނަށް 1200 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް ޝަރީފް ވިދާޅުވި އެވެ. ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު އިންތިޚާބުގައި ރެކްރޫޓް ކުރާ އޮފިޝަލުން އިތުރު އެލަވަންސް މިފަހަރު ދޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އިންތިޚާބުތަކަށް އޮފިޝަލުން ހޯދުމަށް އީސީއަށް ވަނީ މިފަހަކަށް އައިސް ދަތިތަކާ ކުރިމަތިވެފަ އެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް މިމައްސަލަ ވަނީ ދިމާވެފަ އެވެ. އެ މައްސަލަ ޙައްލުކުރުމަށްޓަކައި އިންތިޚާބުގައި ޙަރަކާތްތެރިވާ އޮފިޝަލުންނަށް ދޭ އެލަވަންސް ބޮޑުކުރާނެކަން މީގެކުރިންވެސް އީސީން ވަނީ ބުނެފަ އެވެ.

- ކޮމެންޓް