ކ. މާލެ
|
1 މާރޗް 2020 | އާދީއްތަ 00:22
ޗައިނާ ސަފީރާއި ރައީސް ނަޝީދު ބައްދަލުކުރައްވަނީ
ޗައިނާ ސަފީރާއި ރައީސް ނަޝީދު ބައްދަލުކުރައްވަނީ
ރައްޔިތުންގެ މަޖިލިސް
ޗައިނާ-ރާއްޖެ
އަޅާ ކިޔުމެއްނެތި ތައުރީފްކުރުމުގެ ގާބިލްކަން ހުންނަންވާނެކަމަށް ވިދާޅުވެ ޗައިނާ ސަފީރުގެ ރައްދު ނަޝީދަށް
ޗައިނާ އިން އިންޑިއާ ކަނޑުގެ ގައުމުތަކާ މެދު އަމަލު ކުރަނީ ތަފާތުކޮށް ކަމަށް ރައީސް ނަޝީދު ވިދާޅުވި
އިންޑިއާ ކަނޑުގެ ގައުމުތަކާ ގުޅުން ބަދަހިި ކުރަނީ އެހެން ގައުމުތަކުގެ މިނިވަންކަމާއި ދާޚިލީ ކަންކަމާ ނުބެހުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުންކަމަށް ޗައިނާ ސަފީރު ވިދާޅުވި

ލީޑަރުން ގައުމުތަކަށް ތައުރީފު ކުރައްވާއިރު އެއް ގައުމު އަނެއް ގައުމާ އަޅާކިޔުމެއް ނެތި އެކަން ކުރުމުގެ ގާބިލްކަން ހުންނަންވާނެ ކަމަށް ވިދާޅުވެ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒަންގް ލިޒޮންގް، ރައީސް ނަޝީދަށް ރައްދު ދެއްވައިފި އެވެ.

ޗައިނާ ސަފީރު ރައީސް ނަޝީދަށް ރައްދުދެއްވާ ވާހަކަ ދައްކަވާފައިމިވަނީ އިންޑިއާ ކަނޑުގެ ބޮޑު ބާރެއްގެ ގޮތުގައި ސިފަވަމުން އަންނަ ޗައިނާ އިން އިންޑިއާ ކަނޑުގެ ގައުމުތަކާ މެދު އަމަލު ކުރަނީ ތަފާތުކޮށް ކަމަށް އިންޑިއާގެ ގުޖުރާތުގައި ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު އިންޑިޔާއަށް ކުރެއްވި ދަތުރުފުގައި ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ، ރާއްޖޭގައި އިންޑިއާގެ މަޝްރޫއުތައް ހިންގަނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި އެ މަޝްރޫއުތަކުގެ ދަރަނި ވެސް ދަންތުރަ އަކަށް ނުވާ ކަމަށެވެ. އެހެންނަމަވެސް ރާއްޖެ އާ ގާތްގުޅުމެއް އޮންނަ ޗައިނާ އަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ، އެއީ އިންޑިއާގެ ކަނޑުގެ ސަރަހައްދަށް އަންނަ ސުޕާޕަވަރެއް ކަމަށެވެ. ޗައިނާއަށް އާންމުކޮށްވެސް ބަހުގެ ހަމަލާތައް ދެއްވަމުން ގެންދަވާ ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ އާ ހިލާފަށް ޗައިނާގެ ދަރަންޏަކީ ރާއްޖެ އަށް ބުރައެއް ކަމަށެވެ.

ރައީސް ނަޝީދު މީގެކުރިންވެސް ވަނީ ޗައިނާގެ ދަރަނިތަކަކީ ރާއްޖެއަށް ބުރައެއް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެކަމާގުޅިގެން މީގެކުރިންވެސް ޗައިނާ ސަފީރު ވަނީ ރައީސް ނަޝީދަށް ރައްދުދެއްވާފަ އެވެ.

މިފަހަރު ރައްދު ދެއްވަމުން ކުރެއްވި ޓްވީޓްގައި ޗައިނާ ސަފީރު އިތުރަށް ވިދާޅުވީ އިންޑިއާ ކަނޑުގެ ގައުމުތަކާ، ޗައިނާ އިން ގުޅުން ބަދަހި ކުރަމުން ދަނީ އެހެން ގައުމުތަކުގެ މިނިވަންކަމަށް އިހްތިރާމް ކުރުމުގެ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

އަދި ޗައިނާ އިން އިންޑިއާ ކަނޑުގެ ގައުމުތަކާ ގުޅުން ބަދަހިި ކުރަނީ އެހެން ގައުމުތަކުގެ މިނިވަންކަމާއި ދާޚިލީ ކަންކަމާ ނުބެހުމަށް ޗައިނާ އިން ގެންގުޅޭ ސިޔާސަތާ އެއްގޮތަށް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ޗައިނާ އިން އެކި ދާއިރާތަކުން އެހީވަމުންދާނެ ކަމަށް ވެސް ސަފީރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާ އާ ގާތްގުޅުމެއް ރާއްޖެއިން ބާއްވާފައިވާއިރު ރާއްޖެއާ ޒަމާނުއްސުރެވެސް އެކުވެރި އިންޑިޔާ އާ އޮތް ގުޅުން އެސަރުކާރުގައިވަނީ ހީނަރު ވެގެންގޮސްފަ އެވެ. ނަމަވެސް ރައީސް ޞާލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އިންޑިޔާއާ އަންނަނީ ގުޅުން ބަދަހި ކުރައްވަމުންނެވެ.

- ކޮމެންޓް