ކ. މާލެ
|
29 ފެބްރުއަރީ 2020 | ހޮނިހިރު 19:59
މޫސާ ނާޝިދު
މޫސާ ނާޝިދު
ބީއޭއެމް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
މޫސަގެ އަމާޒު އަތޮޅުތެރެއަށް
މާލޭގައި ކުޅިވަރުތައް ހިފެހެއްޓިފައި އޮތުމަކީ އޭނާ ގަބޫލުކުރާ ގޮތެއް ނޫން

ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސް ކަމަށް ފުރިހަމަ އަގުލަބިއްޔަތާއިއެކު އިންތިހާބުވި މޫސާ ނާޝިދުގެ އެންމެ ބޮޑު އަމާޒަކީ ބެޑްމިންޓަނުގެ މަސައްކަތްތައް މުޅި ރާއްޖެ އަށް ފުޅާކުރުން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މޫސަ ވިދާޅުވީ މިދިޔަ ދެ ދައުރު ވެސް ބެޑްމިންޓަން އަށް ރަނގަޅު މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އެންމެ ބޮޑު ކާމިޔާބީ އަކީ 10 އަހަރު ޕްލޭން އާއި އެއްގޮތަށް ބެޑްމިންޓަނުން ދިވެހިރާއްޖެއަށް ރަން މެޑަލް އެއް ކާމިޔާބުވުން ކަމަށެވެ. މިކަން ފާހަގަކޮށް މޫސަ ވިދާޅުވީ ނިމިދިޔަ އަހަރު ބެޑްމިންޓަނުން ވަނީ ރާއްޖެއަށް ދެ ރަން މެޑަލް ގެނަސްދީފައި ކަމަށެވެ. މީގެ އިތުރުން މޫސަ ވިދާޅުވީ ދެން ބެޑްމިންޓަން އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ ދުނިޔޭގެ ފެންވަރުގެ މުބާރާތް ތަކުގައި އޮފިޝަލުންގެ ގޮތުގައި ރާއްޖޭގެ ބޭފުޅުން މިދިޔަ ދެ ދައުރު ބައިނަލްއަގްވާމީ މުބާރާތް ތަކުގައި އޮފިޝަލު ކަން ކުރުން ކަމަށެވެ.

މޫސަ އިތުރަށް ވިދާޅުވީ މާލޭގައި ކުޅިވަރުތައް ހިފެހެއްޓިފައި އޮތުމަކީ އޭނާ ގަބޫލުކުރާ ގޮތް ނޫން ކަމަށާއި އަތޮޅުތަކަށް ކުޅިވަރު ފުޅާވާން ޖެހޭ ކަމަށެވެ. އެހެން ކަމުން މޫސަ ބުނީ ކުރިޔަށް އޮތް ހަތަރު އަހަރު ރާއްޖޭގެ ބެޑްމިންޓަން އެހެން ހަރުފަތަކަށް ދިޔުމަށް މަސައްކަތް ކުރާނެ ކަމަށާއި މާލެއެކޭ އެއްގޮތަށް އަތޮޅުތަކަށް ބެޑްމިންޓަން ފުޅާވެގެންދާނެ ކަމަށެވެ. މީގެ އިތުރުން މޫސަ ވިދާޅުވީ ބެޑްމިންޓަން އެސޯސިއޭޝަނުގެ އަމާޒަކީ އޮލިމްޕިކް ސާކަލްގެ ތެރެއިން ބެޑްމިންޓަން އެސޯސިއޭޝަން ފެޑަރޭޝަނަކަށް ބަދަލުވުން ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސްކަމަށް މޫސަ ތިންވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވިއިރު އޭނާ އަކީ ދުނިޔޭގެ ބެޑްމިންޓަނުގައި އެންމެ ނުފޫޒުގަދަ ސަރަހައްދީ ޖަމިއްޔާ ކަމަށްވާ ބެޑްމިންޓަން އޭޝިއާގެ ޖެނެރަލް ސެކެރެޓަރީ އެވެ. އަދި އޭނާ އަންނަނީ ސަރަހައްދީ ފެންވަރުގައި ދިވެހި ބެޑްމިންޓަން ކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދެމުންނެވެ.

- ކޮމެންޓް