ކ. މާލެ
|
29 ފެބްރުއަރީ 2020 | ހޮނިހިރު 18:19
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ
ގެޓީ އިމޭޖަސް
ޖިއާނީ އިންފަންޓީނޯ
ވައިރަހުގެ ސަބަބުން މެޗުތައް ފަސްކުރަން ޖެހިދާނެ: އިންފަންޓީނޯ
ކޮރޯނާ ވައިރަސް (ކޮވިޑް-19) މިހާރު އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން
މި ވައިރަހުގެ ސަބަބުން ފުޓްބޯޅައަށްވެސް މިހާރު ވަނީ އަސަރުކޮށްފައި

މިހާރު ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް (ކޮވިޑް-19) ގެ ސަބަބުން ބައިނަލްއަގުވާމީ ފުޓްބޯޅަ މެޗުތައް ފަސްކުރަން ޖެހިދާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

އަންނަ މަހަކީ ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތަކާއި ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކުގެ އިތުރުން ޔޫރޯ ކޮލިފައިން ވެސް ކުޅެން ތާވަލުކޮށްފައިވާ މަހެކެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކުން ކޮރޯނާ ވައިރަސް ފެނިފައިވާއިރު، ގިނަ ގައުމުތަކުން އަންނަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ކްލަބު ލެވެލްގެ ގިނަ މެޗުތައް ސަޕޯޓަރުން ނުވައްދައި ކުޅެންވެސް މިހާރު ވަނީ ނިންމާފައެވެ. އަދި ބައެއް މެޗުތައް މިހާރު ވަނީ ފަސްކޮށްފައެވެ.

މި ވައިރަސްއާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅައަށްވެސް އަސަރުކޮށްފައިވާއިރު، ދާދި ފަހުން ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވީ ކޮންމެ ކުޅިވަރަކަށް ވުރެން ވެސް މުހިއްމުވާނީ މީހުންގެ ސިއްހަތު ކަމަށާއި، ސަޕޯޓަރުން ނުވައްދައި ކަމަށް ވިޔަސް، މެޗު ނުކުޅެ ހުއްޓާލަން ޖެހުނަސް އެކަން ކުރަން ތައްޔާރަށް ތިބި ކަމަށެވެ.

ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގައި މިހާރު އޮތީ ވަގުތީ ގޮތުން ހުރިހާ ފުޓްބޯޅަ ހަރަކާތެއް ހުއްޓާލާފައެވެ. ދެން މި ވައިރަސް އެންމެ ބޮޑަށް ފެތުރެމުން އަންނަ އިޓަލީން ވަނީ ސަލާމަތީ ގޮތުން ގިނަ ފަޔަވަޅުތަކެއް މިހާރު އަޅާފައެވެ. އެގޮތުން އިޓާލިއަން ލީގުގެ ގިނަ މެޗުތަކެއް މިހާރު ވަނީ ފަސްކޮށްފައެވެ.

- ކޮމެންޓް