މި އަހަރަކީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބު އަހަރަށް ވުމާއި އެކު ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ވަނީ އިންތިހާބުތަކަށް އެޑްވާންސްކޮށް ތައްޔާރުވެފައި ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
އެސޯސިއޭޝަންތަކުގެ އިންތިހާބު، ވާން ވާނީ މިނިވަން އަދި ނުފޫޒެއް ނެތް އިންތިހާބުތަކަށް ކަމަށާއި ކޮންމެ މީހަކު އެސޯސިއޭޝަންގެ ރައީސް ކަމަށް އިންތިހާބު ވިޔަސް ކޮމިޝަނުން އެކަން ބަލައިގަނެ އެ އެސޯސިއޭޝަނަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ހީނާ ސަލީމް ވިދާޅުވިއެވެ.
ކޮމިޝަނަރ މަސައްކަތް ކުރަންވީ ގޮތް ގާނޫނުން އޮތީ ބަޔާންކޮށްފައި ކަމަށާއި އެހެން ކަމުން ވަކި މީހަކަށް ވަކި ބަޔެއްގެ މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި ގާނޫނުން ބުނާ އުސޫލުގެ ތެރެއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެސޯސިއޭޝަންތަކަށް ދޭ ކަމަށް ހީނާ ސަލީމް ވިދާޅުވިއެވެ.
އިންތިހާބުތަކާއި ދިމާކޮށް އެސޯސިއޭޝަންތަކުގެ ވޯޓްލެވޭ ކުލަބުތަކަށް ބަދަލުތަކެއް ގެނެސް އިންތިހާބު ވުމަށް ބޭނުންވާ ފަރާތްތަކުން މަގާމަށް އައުމަށް މަގުފަހި ވާ ގޮތަށް ކަންތައް ކުރާ ކަމަށް ކުރެވޭ ތުހުމަތާއި ގުޅިގެން ކޮމިޝަނަރ ވިދާޅުވީ ގިނަ އެސޯސިއޭޝަންތަކުން އިންތިހާބީ އަހަރާއި ދިމާކޮށް ވޯޓާއި ގުޅޭ ގޮތުން ބަދަލުތަކެއް ނުގެންނަ ކަމަށެވެ. އެސޯސިއޭޝަނެއްގެ ވޯޓިން ރައިޓްސް އާއި ގުޅޭ ގޮތުން ބަދަލުތަކެއް ގެންނައިރު އެ ބަދަލުތަކުގެ ޒިންމާ އެސޯސިއޭޝަނެއްގެ ރައީސްއަކަށް ހުންނަ މީހަކަށް އަމާޒުކޮށް ކުށްވެރި ނުކުރެވޭނެ ކަމަށާއި އެއްވެސް ބަދަލެއް ގެންނަ ނަމަ އެކަން ކުރާނީ އަހަރީ ޖަލްސާ އަކުން ކުލަބުތައް ކަމަށް ހީނާ ސަލީމް ވިދާޅުވިއެވެ.
އެސޯސިއޭޝަންތަކުގެ އިންތިހާބުތައް މިހާރުވެސް ފެށިފައިވާއިރު ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް)ގެ އެކްސްކޯ އެއް ނެތި އެ އިދާރާ ހިންގަމުންދާތާ މިހާރު 8 މަސް ދުވަސްވެފައިވާއިރު ކޮމިޝަނުން މިހާރު ބަލަމުން ދަނީ އެފްއައިވީބީ އިން އަންގާނެ ގޮތަކަށް ކަމަށާއި އެ އިދާރާ އިން ކޮންމެ ގޮތަކަށް އެންގިޔަސް ފުރިހަމައަށް އެ އެންގުމަކަށް އަމަލު ކުރާނެ ކަމަށް ހީނާ ސަލީމް ވިދާޅުވިއެވެ.
ވީއޭއެމްގެ ކަންތައް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި ވީއޭއެމް އާއި މެދު އަދި އެ އިދާރާ ހިންގާ އެއްވެސް މީހަކާއި މެދު ޒާތީ އެއް ވެސް ކަމެއް ނެތް ކަމަށް ހީނާ ސަލީމް ވިދާޅުވިއެވެ.