ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން-މިން އޭނާގެ ގައުމަށް ގޮސްފައި އެނބުރި އިންގްލެންޑަށް ދިއުމުން، އޭނާ ކަރަންޓީނު ކުރުމަށް ނިންމައިފި އެވެ.
އަތުގެ ހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން މި ވަގުތު ކުޅުމާ ދުރުގައި ހުރި ސޮން ވަނީ ދާދި ފަހުން އިތުރު ފަރުވާއަށް އޭނާގެ އަމިއްލަ ގައުމު ކަމަށްވާ ދޮކުނު ކޮރެއާއަށް ގޮސްފައެވެ.
މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް (ކޮވިޑް-19) ގެ ސަބަބުން އިންގްލެންޑުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާއިރު، އެނބުރި އިންގްލެންޑަށް އައުމުން އޭނާ ކަރަންޓީނު ކުރާނެ އެވެ. އެގޮތުން ކަރަންޓީނު ފެސިލިޓީއެއްގައި ސޮން 14 ދުވަސް ވަންދެން ބެހެއްޓުމަށް މިހާރު ވަނީ ނިންމާފައެވެ.
ސޮންއަށް އަނިޔާވީ މިމަހުގެ 16 ވަނަ ދުވަހު އެސްޓަން ވިލާ އަތުން 3-2 ގެ ނަތީޖާއަކުން ޓޮޓެންހަމް މޮޅުވި މެޗުގައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ސޮންގެ އަތަށް ލިބިފައިވާ އަނިޔާއާ ގުޅިގެން އޭނާ އޮޕަރޭޝަނެއް ކުރަން ޖެހެއެވެ.
އިންގްލެންޑުގައި ސޮން ކަރަންޓީނު ކުރަން ނިންމިއިރު، މިދިޔަ މަހު ޗައިނާ އިން އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ނައިޖީރިއާގެ ފޯވާޑް އޮޑިއޯން އިގާލޯ އިންގްލެންޑަށް އައުމުން ވަނީ އޭނާވެސް ޗެކްކޮށްފަ އެވެ. އަދި ޔުނައިޓެޑްގެ ކުޅުންތެރިންނާ އެކު އިގާލޯ އަށް ފަރިތަކުރުންތަކުގައި ބައިވެރިވެވެން ފެށީ އިންގްލެންޑްގެ ހެލްތު އިންސްޕެކްޝަންގެ ފަރާތްތަކުން ހުއްދަދިން ފަހުންނެވެ.