ފައިނަލުގައި އެލީޓް ސްޕޯޓްސް ކްލަބް ބަލިކޮށް ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ތަށި ކްއީންސް ބާސްކެޓްބޯޅަ ކްލަބުން ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ބުރާދްފަތި ދުވަހުގެރޭ ކުޅުނު ފައިނަލް މެޗު ކްއީންސް އިން ކާމިޔާބުކުރީ 73-35 އިންނެވެ.
ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކަކާއި އެކު ކުޅުނު ކްއީންސްއިން ބުރާސްފަތި ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ކުއާޓާގައި ވަނީ ބޮޑު ލީޑެއް ނަގައިފައެވެ. ކުއީންސް އިން ފުރަތަމަ ކުއާޓާ ނިންމާލީ 28-5 ގެ ބޮޑު ލީޑަކާއިއެކުގައެވެ. މި ކުއާޓާގައި ކްއީންސްއިން ވަނީ އެލީޓްއަށް ފުރުސަތެއް ނުދީ ގިނަ ޕޮއިންޓްތަކެއް ސްކޯ ކޮށްފައެވެ.
ފުރަތަމަ ކުއާޓާގައި ލިބުނު ލީޑާއި އެކު ކްއީންސް އިން ވަނީ ޖެހިގެން އައި ދެ ކުއާޓާގައި ހަމަޖެހިލައިގެން ކުޅެފައެވެ. އެގޮތުން ކްއީންސްއިން ވަނީ ދެވަނަ ކުއާޓާ ނިންމާލީ 41-9 ޕޮއިންޓްގެ ލީޑަކާއިއެކުގައެވެ. އަދި ތިންވަނަ ކުއާޓާ ކްއީންސްއިން ނިންމާލީ 52-19 ޕޮއިންޓުންނެވެ. ނަމަވެސް މެޗުގެ ފަހު ކުއާޓާގައި އެލީޓްއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. ނަމަވެސް އެޓީމަށް ކްއީންސް އިން ނެގި ލީޑާއި ކައިރިކުރެވޭ ގޮތް ވަނީ ނުވެފައެވެ.
މި މެޗުގައި ކްއީންސް އިން އެންމެ މޮޅު ކުޅުމެއް ދެއްކީ މެޗުގައި 19 ޕޮއިންޓް އެޓީމަށް ސްކޯ ކޮށްދިން އިސްރާއު އަބްދުލް ޝުކޫރު (އިއްކޮ) އާއި 18 ޕޮއިންޓް އެޓީމަށް ހޯދި ހައުމާ އުބައިދުﷲ އެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޒުވާން ގިނަ ކުޅުންތެރިންތަކެއް ގޮވައިގެން ނުކުތް އެލީޓް ޓީމުގެ ކުޅުންތެރިޔާ އައިމިނަތު ޝިއުރާ އަބްދުލް ބާރީ އެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިޔަކީ ކްއީންސްގެ ފާތިމަތު ޝައިލާން އަފްޒަލް އެވެ.
މިއަހަރުގެ އަންހެން ޑިވިޝަނުގެ ލީގު ޗެމްޕިއަނުންނަކީ ވެސް ކުއީންސް އެވެ. އަދި އެ މުބާރާތުގައި ވެސް ކްއީންސް އާއި އެންމެ ކައިރިން ވާދަކޮށްފައިވަނީ އެލީޓް އެވެ.
މިއަހަރުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޓީރެކްސް ބަލިކޮށް ހޯދާފައިވަނީ ކިންގްސް ބާސްކެޓްބޯޅަ ކްލަބެވެ.