ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުން އާސެނަލް ކެޓިއިރު، ކްލަބު ބްރޫޖް ފަސޭހަކަމާއެކު ބަލިކޮށް ގަދަ 16 އިގެ ޖާގައެއް މެންޗެސްޓާ ޔުނައިޓެޑް ހޯދައިފި އެވެ.
މި މުބާރާތުން އާސެނަލް ކެޓީ ދެވަނަ ބުރުގައި އޮލިމްޕިއާކޯސްއާ އެގްރިގޭޓް ނަތީޖާއިން އެއްވަރުވެ، އަވޭ ގޯލުން ބަލިވުމުންނެވެ.
ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި މި ދެޓީމު އޮލިމްޕިއާކޯސްގެ ދަނޑުގައި ކުޅުނު މެޗު 1-0 އިން ކާމިޔާބުކުރީ އާސެނަލް އެވެ. އެކަމަކު ބުރާސްފަތި ދުވަހުގެރޭ އާސެނަލްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު 2-1 އިން ކާމިޔާބުކޮށް، ގަދަ 16 އަށް އޮލިމްޕިއާކޯސް ކޮލިފައިވީ އަވޭ ގޯލުގެ ތަފާތުންނެވެ.
އޮލިމްޕިއާކޯސްގެ ދަނޑުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީވެސް އެޓީމުންނެވެ. މެޗުގެ 53 ވަނަ މިނެޓުގައި ކޯނަރަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕާޕާ އަބޫ ސީސޭ އެވެ.
މެޗުގެ 90 މިނެޓު ހަމަވިއިރު، ދެޓީމު އެގްރިގޭޓުން އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި އާސެނަލުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕިއޭ-އެމެރިކް އޮބާމަޔަން އެވެ. އެކަމަކު އިތުރު ވަގުތުގެ ފަހު މިނެޓުގައި ޔޫސުފް އަލް އަރާބީ ވަނީ އަލުން އޮލިމްޕިއާކޯސްއަށް ލީޑު ނަގައިދީ، މި މުބާރާތުން އާސެނަލް ކަޓުވާލާފައެވެ.
މީގެ އިތުރުން މި މުބާރާތުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި 5-0 އިން ކްލަބު ބްރޫޖް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ވަނީ ގަދަ 16 އިގެ ޖާގައެއް ކަށަވަރުކޮށްފައެވެ.
މި ދެޓީމު ބްރޫޖްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން ދެޓީމު އެއްވަރު ވެގެންނެވެ. ބުރާސްފަތި ދުވަހުގެރޭގެ މޮޅާއެކު ޔުނައިޓެޑް ގަދަ 16 އަށް ކޮލިފައިވީ 6-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗުގައި އެޓީމުން ލީޑު ނަގާފައިވަނީ 27 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބުކުރީ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް އެވެ. މެޗުގެ 34 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިނީ ފޯވާޑް އޮޑިއޮން އިގާލޯ އެވެ. މިއީ ޔުނައިޓެޑްގެ ޖާޒީގައި އިގާލޯ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން 41 ވަނަ މިނެޓުގައި ސްކޮޓް މެކްޓޮމިނޭ ވަނީ ޔުނައިޓެޑްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ޔުނައިޓެޑުން މެޗުގައި ކާމިޔާބުކުރި ފަހު ދެ ލަނޑު ޖެހީ ފްރެޑް އެވެ.
ޔޫރޮޕާ ލީގުގެ ގަދަ 16 އިން އޮލިމްޕިއާކޯސް އާއި ޔުނައިޓެޑް ޖާގަ ހޯދިއިރު، ބަސެލް، ވުލްވްސް، ބަޔާ ލެވަކޫސަން، ރޯމާ، އިސްތަބޫލް ބަޝަކްޝެއިރު، ލިންޒާ އެތުލެޓިކް ސްޕޯޓްސް ކްލަބު، ވުލްފްސްބާގް، ގެޓާފޭ، ޝަޚްތާރު ޑޮނިއެސްކް، އެފްސީ ކޯޕެންހޭގަން، އިންޓަ މިލާން އަދި ސެވިއްޔާވެސް ވަނީ ގަދަ 16 އިގެ ޖާގައެއް ކަށަވަރުކޮށްފައެވެ.