ވ. ބޮޑުމޮހޮރާގައި ރިސޯޓެއް ތަރައްގީ ކުރަަން 50 އަހަރު ދުވަހުގެ މުއްދަތަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ރަށް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސޯލިހު އެވެ.
މި ރަށަކީ ސީއެސްއާރު މަޝްރޫއެއް ހިންގާ ގޮތަށް ރައީސް ނަޝީދުގެ ސަރުކާރުގައި ދޫކުރެވުނު ރަށެކެވެ. އެގޮތުން 2012 ވަނަ އަހަރުގެ ތެރޭގައި ރިސޯޓެއް ތަރައްގީ ކުރުމަށް މި ރަށް ދޫކޮށްފައިވަނީ، ޖާބިރު އާއި އޭނާގެ އަނބިކަނބަލުން ދިޔާނާގެ ހިއްސާ އޮންނަ މެރިން ޓެކްނޮލޮޖީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ޖާބިރު އަތުން އެ ރަށް ނަގާފަ އެވެ.
ރަށް ނެގުމާއި ގުޅިގެން ސިވިލް ކޯޓަށް މައްސަލަ ހުށައެޅުމުން، އެ ކޯޓުން ވަނީ ސަރުކާރުން އެ ރަށް ދޫކޮށްފައިވާ ކުންފުންޏާ ރަށް ހަވާލުކުރުމަށް 2015 ވަނަ ހުކުމްކޮށްފަ އެވެ. ހުކުމާ އެއްގޮތަށް އެ ރިސޯޓް މިވީހާ ދުވަހު ހަވާލުކޮށްފައެއް ނުވެ އެވެ. އަދި އެ މައްސަލައާއި ގުޅިގެން ރައީސް ޔާމީންގެ ސަރުކާރަށާއި މި ސަރުކާރަށް ވެސް ޖާބިރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ބޮޑުމޮހޮރާގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޖާބިރު ވަނީ މި މައްސަލައިގައި އިންސާފު ހޯއްދަވައި ދެއްވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއަށް ޝުކުރު ދަންނަވާފައެވެ. އަދި ހަތް އަހަރު ފަހުން މި މައްސަލައިގައި އިންސާފު ލިބުމަކީ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
ވ. ބޮޑުމޮހޮރާ މައްސަލައިގައި ޖާބިރުގެ ކުންފުންޏާ އެ ރަށް ހަވާލުކުރުމަށް ސިވިލް ކޯޓުން ނިންމި ކަމުގައިވީ ނަމަވެސް، ސުޕްރީމް ކޯޓުން އެ މައްސަލައިގައި ހުކުމް ކުރީ އެހެން ގޮތަކަށެވެ. ސުޕްރީމް ކޯޓުން ހުކުމްކުރީ އެ ރަށް ހަވާލުކުރުމަކީ ސަރުކާރަށް ލިބިދޭ އިހުތިޔާރެއް ކަމަށެވެ.