ޓީރެކްސް ބާސްކެޓްބޯލް ކްލަބު ބަލިކޮށް، ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ތަށި ކިންގްސް ބާސްކެޓްބޯލް ކްލަބުން ދިފާއުކޮށްފި އެވެ.
38 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ކިންގްސް ހޯދީ ބުދަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި ޓީރެކްސްގެ މައްޗަށް 82-75 ޕޮއިންޓުން ކުރިހޯދައިގެންނެވެ. ޓީރެކްސް ބަލިކޮށް ގައުމީ މުބާރާތުގެ ތަށި ކިންގްސްއިން އުފުލާލިއިރު، އެޓީމުން ވަނީ މިފަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކޮށްފައެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ބުދަ ދުވަހުގެރޭ ކުޅުނު މި މެޗުގެ ތިންވަނަ ކުއާޓަރާ ހަމައަށް ޓީރެކްސްއިން އައީ ލީޑު ކުރަމުންނެވެ. އެގޮތުން ތިންވަނަ ކުއާޓަރު ނިމުނުއިރު ޓީރެކްސް ކުރީގައި އޮތީ 62-55 ޕޮއިންޓުންނެވެ. ނަމަވެސް ފަހު ކުއާޓަރުގައި ކިންގްސްއިން ވަނީ ކުޅުން ރަނގަޅުކޮށް އެޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ.
މި މެޗުގެ ފަހު ކުއާޓަރުންގައި ކިންގްސްއިން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލިއިރު، މެޗުގައި މޮޅު ކުޅުމެއް ދެއްކި ކިންގްސްގެ ބިދޭސީ ކުޅުންތެރިޔާ އާރޮން ޖޯންސް ޑެކޯރޭ ވަނީ އެ ޓީމަށް 34 ޕޮއިންޓު އެއްކޮށްދީފައެވެ. މި މެޗުގައި ޓީރެކްސްއިން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 17 ޕޮއިންޓު އެއްކޮށްދިން ހުސެއިން ހަލީމެވެ.
ޤައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ބައިގެ ކުޅުން ބުދަ ދުވަހުގެރޭ ނިމުނުއިރު، މުބާރާތުގެ އަންހެން ބައިގެ ފައިނަލް މެޗު ބުރާސްފަތި ދުވަހުގެރޭ ކުޅޭނެ އެވެ. ފައިނަލްގައި ބައްދަލުކުރާނީ ލީގު ޗެމްޕިއަންކަން ހޯދި ކުއީންސް ބާސްކެޓްބޯލް ކްލަބާއި އެލީޓް ސްޕޯޓްސް ކްލަބެވެ.