އޭއެފްސީ ކަޕްގެ ޕްލޭއޮފްގެ ދެވަނަ ލެގުގައި އިންޑިއަން ސުޕަ ލީގުގެ ޗެމްޕިއަން ބެންގަލޫރު އެފްސީ ބަލިކޮށް ގްރޫޕް ސްޓޭޖަށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކޮލިފައިވެއްޖެ އެވެ.
ގްރޫޕް ސްޓޭޖަށް މާޒިޔާ ކޮލިފައިވުމާއެކު، މި އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ދެ ޓީމު ފެންނާނެ އެވެ. މިއީ 2016 ވަނަ އަހަރު އޭއެފްސީ ކަޕްގެ ފޯމެޓަށް ބަދަލުކޮށް، ދެކުނު އޭޝިއާ ޓީމުތަށް އެއް ގްރޫޕެއްގައި ވާދަކުރަން ފެށި ފަހުން ރާއްޖޭގެ ދެ ޓީމެއް ގްރޫޕް ސްޓޭޖުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.
ބެންގަލޫރުގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-2 އިން ބެންގަލޫރު ބެންގަލޫރު އޮތީ ކުރީގައެވެ. އެކަމަކު މާލޭގައި ކުޅުނު ފުރަތަމަ ލެގުން މާޒިޔާ 2-1 އިން މޮޅުވެފައި އޮތުމުން، ދެ ޓީމު ވަނީ އެގްރިގޭޓުން 4-4 ގެ ނތަިޖާއަކުން އެއްވަރުވެފައެވެ. އިތުރު ވަގުތުގައި ޖަހާ ލަނޑު، އަވޭ ގޯލުގެ ގޮތުގައި ނުގުނާތީ، މި މެޗުގައި ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި މާޒިޔާ ވަނީ 4-3 އިން ކުރިހޯދާފައެވެ.
ބެންގަލޫރުގެ ސްރީކަންޓީރްވާ ސްޓޭޑިއަމްގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ދެވަނަ ހާފު ފަށައިގެން ބެންގަލޫރުން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. އެގޮތުން މެޗުގެ 58 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެޝޯން ބްރައުން އެވެ. އެކަމަކު 73 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ބިދޭސީ ފޯވާޑް ކޯނެލިއަސް ސްޓެވާޓް (ކޯނޭ) ގެ އެހީއާއެކު މި ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ.
މެޗުގައި ބެންގަލޫރުން ދެވަނަ ފަހަރަށް ލީޑު ނެގީ 78 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ސުނިލް ޗެތުރީ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، އެގްރީގޭޓުން ދެ ޓީމު އެއްވަރުވެފައި އޮތުމުން، ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ކޯނޭ ވަނީ މާޒިޔާއަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އެކަމަކު ފަހު ވަގުތު ހިލޭ ޖެހުމަކުން ސުނިލް ޗެތުރީ ކާމިޔާބުކުރި ލަނޑުން، ދެޓީމު ވަނީ އެގްރިގޭޓުން އަނެއްކާވެސް އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި މާޒިޔާ ކުރިހޯދީ 4-3 އިންނެވެ.
ޕްލޭއޮފްގައި ބެންގަލޫރުގެ މައްޗަށް ކުރިހޯދާ، ގްރޫޕް ސްޓޭޖަށް މާޒިޔާ ކޮލިފައިވިއިރު، ގްރޫޕް ސްޓޭޖުގައި މާޒިޔާ ވާދަކުރަން ޖެހޭނީ ގްރޫޕު އީ ގައެވެ. އެ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުގެ އިތުރުން އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ.