ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ތަމްރީނު ހެދުމަށް ރާއްޖޭގެ ފިރިހެން ވޮލީ ޓީމު ސާބީއާއަށް ފުރައިފި އެވެ.
މީގެ ކުރިން ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމަށް ސާބިއާ އަށް ދިޔުމަށް ގައުމީ އަންހެން އަދި ފިރިހެން ވޮލީ ޓީމުން ނިންމައިފައިވީ ނަމަވެސް ތަމްރީނުތަކަށް ސާބިއާއަށް ފުރައިފައިވަނީ ގައުމީ ފިރިހެން ވޮލީ ޓީމު އެކަންޏެވެ.
ގައުމީ ފިރިހެން ވޮލީ ޓީމުން ވަނީ މީގެ ކުރިން ވެސް ތަމްރީނު ހެދުމަށް ސާބިއާއަށް ގޮސްފައެވެ.
ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފިރިހެން ވޮލީ ޓީމު ސާބިއާއަށް ފުރިއިރު މާރޗް މަހު ބާއްވަން ހަމަޖެހިފައިވާ ފިރިހެނުންގެ ސެންޓްރަލް ޒޯން ވޮލީ މުބާރާތް ވަނީ ފަސްކޮށްފައެވެ. ވޮލީ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) އަށް ބަންގްލަދޭޝްގެ ވޮލީބޯޅަ ފެޑަރޭޝަނުން އަންގާފައި ވަނީ ކުރިން މުބާރާތް ބާއްވަން ހަމަޖެހިފައިވާ ތާރީޚަށް މިހާރު ބަދަލު ގެނެސްފައިވާ ކަމަށެވެ. މުބާރާތް މިހާރު ބޭއްވުމަށް ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުގެ 4 އިން 11 އަށް ކަމަށްވެސް ވަނީ އަންގާފައެވެ.
މުބާރާތުގައި ވާދަކުރާ 8 ގައުމަށް ބަންގްލަދޭޝްގެ ވޮލީބޯޅަ ފެޑަރޭޝަނުގެ ރައީސް ފޮނުވި މެއިލްގައި ބުނެފައި ވަނީ މުބާރާތް ފަސްކުރަން ޖެހުނީ އެ ގައުމުގެ ސަރުކާރުން ބޭނުންވެގެން ފުރިހަމަ ކުރަން ޖެހޭ ކަންތައް ހުރުމުން ކަމަށެވެ.
ރާއްޖޭގެ އިތުރުން ބޫޓާން އާއި ކިރިގިސްތާން އާއި ނޭޕާލް އާއި ތަޖިކިސްތާން އާއި ތުރުކުމަނިސްތާން އަދި އުޒްބަކިސްތާން ވާދަކުރާ މުބާރާތް ފަސް ކުރުމަކީ ރާއްޖެއަށް ލިބުނު އިތުރު ފުރުސަތެއް ކަމަށް ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް ވިދާޅުވިއެވެ.