ކ. މާލެ
|
25 ފެބްރުއަރީ 2020 | އަންގާރަ 19:21
ޑޯޓްމުންޑުގެ ފޯވާޑް ހާލަންޑު
ޑޯޓްމުންޑުގެ ފޯވާޑް ހާލަންޑު
ގެޓީ އިމޭޖަސް
އާލިން ހާލަންޑް
ހާލަންޑަށް ރެއާލުން އަދިވެސް ފާރަލާ: ރިޕޯޓް
ހާލަންޑް އަންނަނީ ޑޯޓްމުންޑަށް ބަދަލުވެ މޮޅު ކުޅުމެއް ދައްކަމުން

ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމުންޑުގައި މޮޅު ކުޅުމެއް ދައްކަމުން ނޯވޭގެ ޒުވާމް ފޯވަރޑް އާލިން ހާލަންޑަށް ސްޕެއިންގެ ރެއާލް މެޑްރިޑުން އަދިވެސް ފާރަލަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މިދިޔަ ޖެނުއަރީ މަހު ސާލްޒްބާގުން ޑޯޓްމުންޑަށް ބަދަލުވި ހާލަންޑު އަންނަނީ އެޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ޑޯޓްމުންޑް ޖާޒީގައި ހާލަންޑު މިހާތަނަށް ކުޅުނު 8 މެޗުގައި ވަނީ 12 ލަނޑު ޖަހާފައެވެ.

މި ސީޒަނުގައި މިހާތަނަށް 30 މެޗުން 40 ލަނޑު ހާލަންޑް ޖަހައިފައިވާއިރު، އޭނާ އަންނަނީ ޔޫރަޕިއަން ގޯލްޑަން ބޫޓް އެވޯޑަށް ވެސް ވާދަކުރަމުންނެވެ. އަދި އޭނާ އަންނަނީ ޗެމްޕިއަންސް ލީގުގެ ލަނޑު ލިސްޓު ވެސް ލީޑު ކުރަމުންނެވެ.

މީގެ ކުރިންވެސް ހާލަންޑު ހޯދަން ރެއާލުން މަސައްކަތްކުރިއިރު، ރިޕޯޓުތައް ބުނާގޮތުން އެޓީމުން އަންނަނީ އަދިވެސް ހާލަންޑަށް ފާރަލަމުންނެވެ. އަދި މި ސީޒަން ނިމުމުން އޭނާ ހޯދުމަށް ރެއާލުން އަނެއްކާވެސް މަސައްކަތް ފަށާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 19 އަހަރުގެ ހާލަންޑު ޑޯޓްމުންޑާ އެކު އެއްބަސްވުން ހެދީ 2024 ގެ ނިޔަލަށެވެ.

ޑޯޓްމުންޑާއެކު ތަފާތު މޮޅު ކުޅުމެއް ހާލަންޑް ދައްކަމުން އަންނައިރު، އޭނާ ވަނީ ޖަރުމަން ލީގުގައިވެސް ރެކޯޑެއް ހަދާފައެވެ. އެގޮތުން އޭނާ ވެފައިވަނީ ޖަރުމަނު ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ދެ މެޗުގައި ފަސް ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް