ކ. މާލެ
|
25 ފެބްރުއަރީ 2020 | އަންގާރަ 17:42
މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ
މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ
މާޒިޔާ ސްޕޯރޓްސް ކްލަބް
އޭއެފްސީ ކަޕް
ބެންގަލޫރުގައި މޮޅެއް ހޯދޭނެ: ސެކުލޮސްކީ
ދެވަނަ ލެގުގެ މެޗު ކުޅޭނީ ބުދަ ދުވަހު ދުވަހު
ފުރަތަމަ ލެގުގެ މެޗުން މާޒިޔާ ވަނީ 2-1 އިން މޮޅުވެފައި

އޭއެފްސީ ކަޕުގެ ޕްލޭއޮފް ބުރުގެ ދެވަނަ ލެގުގައި އިންޑިއަން ސުޕަ ލީގުގެ ޗެމްޕިއަން ބެންގަލޫރު އެފްސީ އަތުން މޮޅެއް ހޯދޭނެ ކަމަށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.

ދެވަނަ ލެގާ ކުރިމަތިލާއިރު، މާލޭގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން މާޒިޔާ ވަނީ ބެންގަލޫރު އަތުން 2-1 އިން މޮޅުވެފައެވެ. އެހެންކަމުން ރަށުން ބޭރުގައި ބެންގަލޫރާ އެއްވަރުކޮށްލައިގެންވެސް ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދުމުގެ ފުރުސަތު މާޒިޔާއަށް އެބައޮތެވެ.

ރާއްޖޭގެ ކްލަބަކަށް އަދި މިހާތަނަށް ބެންގަލޫރުގެ ދަނޑުގައި އެޓީމު ބަލިކުރެވިފައެއް ނުވެއެވެ.

ބުދަ ދުވަހުގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެކުލޮސްކީ ބުނީ ދެވަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެންވެސް މާޒިޔާއަށް ހަމަޖެހިލެވޭނެ ކަމަށާއި، އެކަމަކު މެޗާ ކުރިމަތިލާނީ މޮޅެއް ހޯދުމެއް ކަމަށެވެ. އަދި މާލޭގައި ކުޅުނު މެޗުން މޮޅެއް ހޯދުނު ނަމަވެސް، ބެންގަލޫރުގެ ދަނޑުގައި ކުޅޭ މެޗު ފަސޭހަނުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މާޒިޔާގެ ވައިސް ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) ބުނީ ބެންގަލޫރަކީ ސަތުއު އޭޝިއާގައިވެސް އޮތް އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި އެކަމަކު ބެންގަލޫރު ދަނޑަކީ މާޒިޔާއަށް އައު ދަނޑެއް ނޫން ކަމަށެވެ. އަދި މި މެޗުން މޮޅެއް ހޯދޭނެ ކަމަށްވެސް އިރޭ ވަނީ ބުނެފައެވެ.

ދެވަނަ ލެގުގައި ބެންގަލޫރާ ދެކޮޅަށް މާޒިޔާ ނުކުންނާނީ ބުދަ ދުވަހު ރާއްޖެ ގަޑިން 19:00 ގައެވެ. މި މެޗު ކުޅޭނީ ބެންގަލޫރުގެ ސްރީ ކަންޓްރީވާ ސްޓޭޑިއަމްގައެވެ.

ޕްލޭއޮފް ކުރިހޯދާ މާޒިޔާ ގްރޫޕު ސްޓޭޖަށް ދަތުރުކޮށްފިނަމަ، ފުރަތަމަ ފަހަރަށް ގްރޫޕު ސްޓޭޖުގައި ރާއްޖޭގެ ދެ ޓީމެއް ކުޅުމުގެ ފުރުސަތު އެބައޮތެވެ. ޕްލޭއޮފުން މާޒިޔާއަށް ކުރިލިބިއްޖެ ނަމަ، އެޓީމު ވާދަކުރަން ޖެހޭނީ ގްރޫޕު އީ ގައެވެ. އެ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުގެ އިތުރުން އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް