ކ. މާލެ
|
24 ފެބްރުއަރީ 2020 | ހޯމަ 19:21
އެޑެން ހަޒާޑް
އެޑެން ހަޒާޑް
ގޫގުލް
އެޑެން ހަޒާޑް
ރެއާލްގެ ފޯވަރޑް ހަޒާޑަށް އަނެއްކާވެސް އަނިޔާވެއްޖެ
ހަޒާޑަށް އަނިޔާވީ ސްޕެނިޝް ލީގުގައި ލެވަންޓޭ އާއި ދެކޮޅަށް ކުޅުނު މެޗުގައި

މި ސީޒަނުގައި އަލަށް ރެއާލް މެޑްރިޑާއި ގުޅުނު ބެލްޖިއަމްގެ ފޯވަރޑް އެޑެން ހަޒާޑަށް އަނިޔާވެ ކުޅުމާއި ދުރަށްދާން ޖެހިއްޖެއެވެ.

ހަޒާޑަށް އަނިޔާވީ ސްޕެނިޝް ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ލެވަންޓޭ އަތުން 1-0 ގެ ނަތީޖާއަކުން ރެއާލް ބަލިވި މެޗުގައެވެ. ރެއާލުން ބުނީ ހަޒާޑްއަށް އަނިޔާގެ ސަބަބުން މުހިންމު މެޗުތަކެއް ގެއްލިދާނެ ކަމަށާއި، ހަޒާޑްގެ އަނިޔާގެ ސީރިއަސްކަން އިނގޭނީ ޓެސްޓުތަކުގެ ނަތީޖާ ލިބުމުން ކަމަށެވެ. މީގެ އިތުރުން ރެއާލުން ބުނީ އަނިޔާގެ ސަބަބުން ހަޒާޑްއަށް މިހަފުތާ ޗެމްޕިއަންސް ލީގުގައި، މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅޭ މެޗާއި ،ސްޕެނިޝް ލީގުގައި ބާސެލޯނާއި ދެކޮޅަށް ކުޅޭ މެޗު ގެއްލޭނެ ކަމަށް ބެލެވޭކަމަށެވެ.

އަނިޔާގެ ސަބަބުން ހަޒާޑް ކުޅުމާއި ދުރަށް ދާން ޖެހުނުއިރު އޭނާ ތިން މަސް ދުވަހު ކުޅުމާއި ދުރަށް ދިޔުމަށްފަހު އެނބުރި ކުޅުމުގެ ތެރެއަށް އައިތާ އަދި ހަފުތާއެއް ވެސް ނުވެއެވެ.

ރެއާލުން ބުނީ ހަޒާޑްގެ އަނިޔާއާއި ގުޅިގެން އޭނާގެ ރިކަވަރީ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

ޗެލްސީގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އައި ހަޒާޑަށް މި ސީޒަނުގައި އޭނާގެ އެންމެ މޮޅު ކުޅުން ނުދެއްކެނީ އަނިޔާގެ ސަބަބުންނެވެ. ރެއާލްގެ ކޯޗު ޒިނެދިން ޒިދާންގެ ގޭމް ޕްލޭންގައި މުހިންމު ދައުރެއް އަދާކުރާ ހަޒާޑް މި ސީޒަނުގައި ރެއާލްއަށް ކުޅެފައިވަނީ އެންމެ 15 މެޗެވެ.

ހަޒާޑް ކަކުލު ހުޅަށް މިފަހަރު ލިބުނު އަނިޔާއަކީ އޭނާ ޗެލްސީގައި ހޭދަކުރި ދުވަސްވަރު ވެސް ފަރުވާ ހޯދަން ޖެހުނު އަނިޔާއެކެވެ.

މި ސީޒަނުގެ ކޮޕަ ޑެލް ރޭ އިން ކަޓާފައިވާ ރެއާލުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ސްޕެނިޝް ލީގުގެ ތަށްޓަށާއި ޗެމްޕިއަންސް ލީގު ތަށްޓަށެވެ. ދެން ރެއާލުން އެންމެ އަވަހަށް ކުޅެން ޖެހޭނީ ޕެޕް ގާޑިއޯލާގެ މެންޗެސްޓަރ ސިޓީއާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް