އިޓާލިއަން ލީގުގައި ޖެނާއޯ އަދި ލާޒިއޯ ބައްދަލުކުރި މެޗު ލާޒިއޯ އިން ކާމިޔާބުކޮށް، ތާވަލުގެ އެއްވަނައިގައި އޮތް ޔުވެންޓަރސްއާއި އެއް ޕޮއިންޓް ކައިރިޔަށް ލާޒިއޯއިން ޖެހިލައިފި އެވެ.
ޖެނޯއާ ދަނޑުގައި ކުޅުނު މި މެޗު ލާޒިއޯއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
މި ނަތީޖާއާއެކު، ލާޒިއޯއިން ވަނީ ރަށުން ބޭރުގައި 20 މެޗު ބަލިނުވެ ހަމަކޮށްފައެވެ. މި މެޗު ފަށައިގެން އެޓީމަށް ލީޑު ނަގައިދިނީ މެޗުގެ 2 ވަނަ މިނެޓުގައި އެޑަމް މަރުސިޗެވެ. މި ލަނޑަށްފަހު ވެސް ލާޒިއޯއިން ވަނީ ފުރަތަމަ ހާފުގައި ޖެނޯއާ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް ލާޒިއޯ އިން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށް ވެފައިވަނީ ޖެނޯއާގެ ކީޕަރެވެ.
ލާޒިއޯގެ ދެވަނަ ލަނޑު މެޗުގެ 51 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ޗީރޯ އިމޮބިލޭއެވެ. އެހެންނަމަވެސް، މެޗުގެ 57 ވަނަ މިނެޓުގައި ޖެނޯއާއިން ވަނީ ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފްރަންސެސްކޯ ކަސާޓާ އެވެ. ލާޒިއޯއިން ވަނީ މެޗުގެ 71 ވަނަ މިނެޓުގައި ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑަނީލޯ ކަޓާލްޑީއެވެ. އެކަމަކު ޖެނޯއާއިން ވަނީ މެޗުގެ ފަހު މިނެޓުގައި ލަނޑު ޖަހާ ފަރަގު ދެވަނަ ފަހަރަށް ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ޑޮމިނިކޯ ކްރިސިޓޯ އެވެ.
ޔުވެންޓަރސްއިން ވަނީ ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތާވަލުގެ އެއްވަނައިގައި 60 ޕޮއިންޓް ހަމަކޮށްފައެވެ. އޭފެ ފަހަތުން ތާވަލުގެ ދެވަނައިގައި ލާޒިއޯ އޮތީ ކުޅުނު 25 މެޗުން ލިބުނު 59 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތް އިންޓަރ މިލާން މި ހަފުތާގައި ކުޅެން ހަމަޖެހިފައިވާ މެޗު ވަނީ ފަސްކޮށްފައެވެ. މި މެޗު ފަސްކުރަން ނިންމީ އިޓަލީގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސްގެ ސަބަބުންނެވެ. އިންޓަރ މިލާނަށް 24 މެޗުން ލިބިގައިވަނީ 54 ޕޮއިންޓެވެ.
އިޓާލިއަން ލީގުގައި އަންނަ ހަފުތާގައި ކުޅުމަށް ތާވަލުކޮށްފައިވާ މެޗުތައް ފަސްކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެގޮތުން އެންމެ ފަހުގެ ލީގު ޗެމްޕިއަން ޔުވެންޓަރސް އާއި ދެކޮޅަށް އިންޓަރ ކުޅޭ މެޗު ފަސްކުރުމުގެ ފުރުސަތު އެބައޮތެވެ.