ކ. މާލެ
|
24 ފެބްރުއަރީ 2020 | ހޯމަ 12:31
ތައިލެންޑް މުބާރަތުން ދީމާ ހޯދި ރިހި މެޑަލް
ތައިލެންޑް މުބާރަތުން ދީމާ ހޯދި ރިހި މެޑަލް
ފޭސްބުކް
ޗޮމްބޫރީ ޕީއޭއޯ އޯޕަން 2020
ތައިލެންޑް މުބާރާތުން ދީމާއަށް ރިހި މެޑަލް
ދިމާ ރިހި މެޑަލް ހޯދީ 15 އަހަރުން ދަށުގެ އަންހެން ސިންގަލްސް ބައިން

ތައިލެންޑުގައި ކުރިއަށްދިޔަ ޗޮމްބޫރީ ޕީއޭއޯ އޯޕަން 2020 ޓޭބަލް ޓެނިސް މުބާރާތުން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ރިހި މެޑަލް ހޯދައިފި އެވެ.

ހޯމަ ދުވަހުގެ ހެނދުނު ނިމުނު މި މުބާރާތުން ދީމާ ރިހި މެޑަލް ހޯދީ 15 އަހަރުން ދަށުގެ އަންހެން ސިންގަލްސް ބައިންނެވެ.

މުބާރާތުގެ ފައިނަލްގައި ތައިލެންޑުގެ ކުޅުންތެރިއަކާ ވާދަކޮށް ދީމާ ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 11-4، 11-6 އަދި 11-3 އިންނެވެ.

މުބާރާތުގެ ފައިނަލުން ބަލިވި ނަމަވެސް، ދީމާ ވަނީ މުޅި މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މުބާރާތުން ދީމާ ފުރުސަތު ހޯދީ ކޮލިފައިންގެ ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށްގެންނެވެ. އަދި ކުއާޓާ ފައިނަލުން މެޗުން 3-1 އިން ދީމާ މޮޅުވިއިރު، ސެމީ ފައިނަލުގައި ދީމާ ވަނީ ތައިލެންޑުގެ ކުޅުންތެރިޔެއް އަތުން 3-2 ސެޓުން މޮޅުވެފައެވެ.

މި މުބާރާތުގެ 15 އަހަރުން ދަށުގެ ބައިން އުމުރުން 12 އަހަރުގެ ދީމާ ރިހި މެޑަލް ހޯދިއިރު، އޭނާ ވަނީ މި މުބާރާތުގެ 18 އަހަރުން ދަށުގެ ބައިގައިވެސް ވާދަކޮށްފައެވެ. އެކަމަކު މިބައިގައި ކުއާޓާ ފައިނަލުން ވަނީ ބަލިވެފައެވެ.

ބައިނަލްއަގުވާމީ މައިދާނުގައި ދީމާ ރަނގަޅު ވަނަތަކެއް ހޯދަމުން އަންނައިރު، ދީމާ ވަނީ މިދިޔަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރާއްޖެއަށް ތިން ރަން މެޑަލް ހޯދައިދިނުމުގެ އިތުރުން ނޭޕާލްގައި އޮތް ސައުތު އޭޝިއަން ގޭމްސްގެ ޓީމު އިވެންޓުން ރާއްޖެއަށް ލޯ މެޑަލް ހޯދާދީފައެވެ.

- ކޮމެންޓް