ކ. މާލެ
|
24 ފެބްރުއަރީ 2020 | ހޯމަ 12:00
ސޯލްޓް ކެފޭގައި އެގާއާއެކު ބެއްވި ބައްދަލުވުމުގެ ތެރެއިން
ސޯލްޓް ކެފޭގައި އެގާއާއެކު ބެއްވި ބައްދަލުވުމުގެ ތެރެއިން
މިހާރު
އޯއެލްއެސްސީ
"ލިވަޕޫލަކީ ވަރަށް ބޮޑު އާއިލާއެއް"
އެގާ ރާއްޖެ އައީ އޯއެލްއެސްސީގެ ދައުވަތަކަށް
އެގާއާ ބައްދަލުކުރުމަށް ގިނަ އަދަދެއްގެ ލިވަޕޫލް ސަޕޯޓަރުން އިވެންޓުގައި ބައިވެރިވި

ރާއްޖޭގައި ހަރަކާތްތެރިވާ އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް އޮފް މޯލްޑިވްސް (އޯއެލްއެސްސީ) ގެ ދައުވަތަކަށް ލިވަޕޫލްގެ ކުރީގެ ވައިސް ކެޕްޓަން ޑެނިއަލް އެގާ އާދީއްތަ ދުވަހުގެރޭ ވަނީ ލިވަޕޫލްގެ ސަޕޯޓަރުންނާއެކު ހާއްސަ ވަގުތުތަކެއް ހޭދަކޮށްފައެވެ.

އެގޮތުން އެންމެ ހާއްސަ ކަމަކަށްވީ ސޯލްޓް ކެފޭގައި ބޭއްވި ބައްދަލުވުމުގައި ލިވަޕޫލްގެ ޒަމާންވީ ސަޕޯޓަރު އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމު ބައިވެރިވެވަޑައިގަތުމެވެ. އޭގެ އިތުރަށް މި ބައްދަލުވުމުގައި ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވެސް ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުމުގައި އެގާ ވަނީ ލިވަޕޫލް ސަޕޯޓަރުންގެ އެކި ސުވާލުތަކަށް ޖަވާބުދީފައެވެ.

އޯއެލްއެސްސީ ރަސްމީކޮށް ފެށުމުގެ ކުރިން ނުރަސްމީކޮށް ލިވަޕޫލް ސަޕޯޓަރުން އައީ ވައިބާގައި ގްރޫޕެއް ހިންގަމުންނެވެ. އެ ދުވަސްވަރު ލިވަޕޫލްގެ ސަޕޯޓަރުން އެންމެ ހައިރާންވީ އެ ނުރަސްމީ ގްރޫޕްގައި ރައީސް މައުމޫން އިނދެ، ލިވަޕޫލްއާ ބެހޭ ގޮތުން ވާހަކަދެއްކުމެވެ. ލިވަޕޫލްގެ މެޗުތަކަށްފަހު، އެ މެޗެއްގެ ކުޅުމާއި ދޭތެރޭ ރައީސް މައުމޫން ކޮމެންޓުކޮށް ހެއްދެވި އެވެ.

އެވާހަކަތަށް އެގާއަށް ކިޔާދިނުމުން އޭނާ ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ލިވަޕޫލް އޮންނަނީ އާއިލާއެއްގެ ގޮތުގައި ކަމަށާއި، ރައީސް މައުމޫންގެ ވާހަކަފުޅުންވެސް އެކަން ސާބިތުވާ ކަމަށެވެ. އަދި މި ކްލަބަކީ މި ގޮތަށް ބަދަހި ގުޅުމެއް ބާއްވާ ބައެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ސޯލްޓް ކެފޭގައި އެގާއާއެކު ބެއްވި ބައްދަލުވުމުގެ ތެރެއިން

މި ބައްދަލުވުމުގައި އެގާ ވަނީ ލިވަޕޫލާއި ފުޓްބޯޅައިގެ އިތުރުން އޭނާ ދިރިއުޅުމުގެ މިހާރުގެ ކަންތައްތަކާ ބެހޭގޮތުންވެސް ޖަވާބުދީފައެވެ. ސަޕޯޓަރަކު ކުރި ސުވާލަކަށް ޖަވާބުދެމުން އެގާ ބުނީ ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު އަދި މިހާތަނަށް ފުޓްބޯޅައިން ނުފެނުނު ނަމަވެސް، ކޮންމެވެސް ހިސާބަކުން ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ.

ޑެންމާކްގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި އެގާ ލިވަޕޫލަށް ބަދަލުވީ 2006 ވަނަ އަހަރު އެވެ. އެގާ ވަނީ ލިވަޕޫލާއެކު 2012 ވަނަ އަހަރުގެ ލީގު ކަޕް ކާމިޔާބުކޮށްފައެވެ. ލިވަޕޫލަށް 175 މެޗުން 9 ލަނޑު ޖަހައިދިން އެގާ އެޓީމު ދޫކޮށްލީ 2014 ވަނަ އަހަރު އެވެ.

މިއީ ރާއްޖޭގެ ސަޕޯޓާސް ކްލަބަކުން އިސްވެ ބޭރުގެ ކުޅުންތެރިޔަކު ގެނެސްގެން ބޭއްވި ފުރަތަމަ އިވެންޓެވެ.

ލިވަޕޫލްގެ އިތުރުން ރަސްމީކޮށް ރާއްޖޭގައި ވެސް ރަޖިސްޓްރީކޮށްގެން ކުރިއަށްގެންދާ އޯއެލްއެސްސީން އަންނަނީ ކުޅިވަރާއި އެހެނިހެން ގޮތްގޮތުން ވެސް ރާއްޖޭގައި ހަރަކާތްތަށް ހިންގަމުންނެވެ.

އޭގެ ތެރޭގައި ރާއްޖޭގެ އެކިއެކި ސަޕޯޓާސް ކްލަބުތަކުގެ މެދުގައި ފުޓްސަލް މުބާރާތެއް މިދިޔަ އަހަރު ކުރީކޮޅު ވަނީ ބާއްވާފައެވެ. އަދި އެކިއެކި އެންޖީއޯ އާއި ގުޅިގެން ޗެރިޓީ މަސައްކަތްތަކުގައި ދަނީ ބައިވެރިވަމުންނެވެ. އަދި ފުޓްބޯޅަ މެޗު އޮންނަ ދުވަސްދުވަހު "ކްލަބު 360" އަށް އެއްވެގެން މެޗު ބެލުން ފަދަ ކަންތައްވެސް ކުރިޔަށްގެންދެއެވެ.

- ކޮމެންޓް