ވަޓްފޯޑް ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ ފަސްވަނައަށް މެންޗެސްޓާ ޔުނައިޓެޑް ޖެހިލިއިރު، އެވަޓަންގެ މައްޗަށް ކުރިހޯދާ ތާވަލުގެ ނުވަވަނައަށް އާސެނަލް ޖެހިލައިފި އެވެ.
ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ވަޓްފޯދުގެ މައްޗަށް ޔުނައިޓެޑް ކުރިހޯދީ 3-0 އިންނެވެ. މި މޮޅާއެކު ޔުނައިޓެޑް ވަނީ 27 މެޗުން 41 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. ތާވަލުގެ ހަތަރުވަނައިގައި އޮތީ 27 މެޗުން 44 ޕޮއިންޓު ހޯދާފައިވާ ޗެލްސީ އެވެ. މި ހަފުތާގައި ޗެލްސީ އަތުން ބަލިވި ޓޮޓެންހަމް އޮތީ ހަވަނައިގައި 27 މެޗުން 40 ޕޮއިންޓާއެކު އެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗުގައި އެޓީމުން ލީޑު ނަގާފައިވަނީ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ޖެނުއަރީ މަހު އެޓީމަށް ބަދަލުވި ބްރޫނޯ ފެނާންޑޭސް އެވެ. މި ޕެނަލްޓީ ލިބުނީ ވަޓްފޯޑުގެ ގޯލްކީޕަރު ބެން ފޯސްޓާ، ފެނާންޑޭސްއަށް ކުރި ފައުލަކާއި ގުޅިގެންނެވެ.
ޔުނައިޓެޑްގެ ދެވަނަ ލަނޑު މެޗުގެ 58 ވަނަ މިނެޓުގައި އެންތަނީ މާޝިއަލް ކާމިޔާބުކޮށްދިންއިރު، ތިންވަނަ ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް މޭސަން ގްރީންވުޑް އެވެ.
މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި 2-3 އިން އެވަޓަން ބަލިކޮށް އާސެނަލް ވަނީ ތާވަލުގެ ނުވަވަނައަށް ޖެހިލާފައެވެ.
ތާވަލުގެ ނުވަވަނައަށް އާސެނަލް ޖެހިލީ 27 މެޗުން 37 ޕޮއިންޓާއެކުއެވެ. އާސެނަލާ އެއްވަރަށް ޕޮއިންޓު ހޯދައިގެން ދިހަވަނައިގައި އޮތީ ބާންލީ އެވެ
އާސެނަލްގެ ދަނޑުގައި ކުޅުނު މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި ޑޮމިނިކް ކެލްވާޓް-ލެވިންގެ ލަނޑުން އެވަޓަންއިން ވަނީ ލީޑު ނަގާފައެވެ.
އެކަމަކު މެޗުގެ 27 ވަނަ މިނެޓުގައި އެޑީ އެންކެޓިއޭ ވަނީ އާސެނަލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ 33 ވަނަ މިނެޓުގައި ކެޕްޓަން ޕިއޭ އެމެރިކް-އޮބާމަޔަން ވަނީ އާސެނަލަށް ލީޑު ނަގާދީފައެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ރިޗާލިސަންގެ ލަނޑުން އެވަޓަންއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.
ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި އާސެނަލަށް އަނެއްކާ ވެސް ލީޑު ނަގައިދިނީ އޮބާމަޔަން އެވެ.
ލީގުގައި ދެން އާސެނަލް މެޗެއް ކުޅޭނީ އަންނަ މާޗު މަހުގެ ހަތްވަނަ ދުވަހުއެވެ. އެ ދުވަހު އާސެނަލް ނުކުންނާނީ ވެސްޓް ހޭމްއާ ދެކޮޅަށެވެ.