ކ. މާލެ
|
23 ފެބްރުއަރީ 2020 | އާދީއްތަ 18:14
އިޓާލިއަން ލީގުގެ މެޗެއްގެ ތެރެއިން
އިޓާލިއަން ލީގުގެ މެޗެއްގެ ތެރެއިން
ގޫގުލް
އިޓާލިއަން ލީގު
ކޮވިޑް 19 ފެތުރިދާނެ ކަމުގެ ބިރު އޮތުމުން އިޓާލިއަން ލީގުގެ މެޗުތައް ފަސްކޮށްފި
މިހާތަނަށް އިޓަލީގެ އުތުރު ސަރަހައްދުގައި ކޮރޯނާވައިރަސް 76 މީހަކަށްވަނީ ޖެހިފައި
މިވައިރަސް އިޓަލީގައި ފެތުރިފައިވަނީ ކުއްލިއަކަށް
މިވައިރަހުގެ ސަބަބުން ދެ މީހުން ވަނީ މަރުވެފައި

އިޓަލީގެ އުތުރު ހިސާބުތަކުގައި ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ނުރައްކާ ބޮޑުވެ، އިތުރަށް ފެތުރެދާނެކަމުގެ ބިރަށްޓަކައި އިޓާލިއަން ލީގުގެ މެޗުތައް ފަސްކޮށްފިއެވެ.

މިކަން ހާމަކުރައްވައި އިޓަލީގެ ބޮޑުވަޒީރު ޖޮސެޕީ ކޮންޓޭ ވިދާޅުވީ ލޮމްބާޑީ އާއި ވެނެޓޯ ސަރަހައްދުގައި އާދީއްތަ ދުވަހަށް ތާވަލުކުރެވިފައިވާ ހުރިހާ ކުޅިވަރެއް ފަސްކުރެއްވުމަށް ކުޅިވަރާއި ބެހޭ ވަޒީރު ވިންޗެންޒޯ ސްޕަޑަފޯރާ ނިންމަވާފައިވާ ކަމަށެވެ.

މިހާތަނަށް އިޓަލީގެ އުތުރު ސަރަހައްދުގައި ކޮރޯނާވައިރަސް 76 މީހަކަށް ޖެހިފައިވާއިރު މިބަލީގައި ދެ މީހަކު ވަނީ މަރުވެފައެވެ. އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު އިތުރުވީ ކުއްލިއަކަށެވެ. އަދި މި ވައިރަސްގެ ސަބަބުން މިލާން މިލާން ހިމެނޭ ލޮމްބާޑީ ސަރަހައްދުގެ ގިނަ އަވަށްތައް މިހާރު ވަނީ ބަންދުކޮށްފައެވެ.

އިޓާލިއަން ލީގުގައި ފަސްކުރި މެޗުތަކަކީ އިންޓަ މިލާން އާއި ސަމްޕްޑޯރިއާ ކުޅެން ރާވައިފައިވާ މެޗާއި، ވެރޯނާ އާއި ކަލިއާރީގެ މެޗުގެ އިތުރުން އެޓަލާންޓާ އާއި ސަސުއޮލޯގެ މެޗެވެ. މީގެ އިތުރުން އިޓަލީގެ ޔޫތް ލީގުގައި ކުޅެން ރާވައިފައިވާ ސާޅީހަށް ވުރެ ގިނަ މެޗު ވަނީ ފަސްކޮށްފައެވެ.

މިވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން ވަނީ މިވައިރަހުގެ ސަބަބުން މިއަހަރަށް ރޭވިފައިވާ ހުރިހާ ކުޅިވަރު ހަރަކާތެއް ފަސްކޮށްފައެވެ. އަދި މިވައިރަސް ޗައިނާގެ އަވަށްޓެރި ޖަޕާނަށް ފެތުރިފައިވާއިރު، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ހަރަކާތް ފަސްކުރާން ޖެހިދާނެ ކަމަށް ބައެއް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.

- ކޮމެންޓް