އިޓާލިއަން ލީގުގައި ސްޕަލްއާއި ދެކޮޅަށް ޔުވެންޓަސް ކުޅުމެޗުން އެޓީމު މޮޅުވެއްޖެއެވެ.
ސްޕަލް ދަނޑުގައި ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ޔުވެންޓަސްއިން މޮޅު އެޓޭކިންގ ގޭމެއް ކުޅުނުއިރު ޔުވެންޓަސްއިން ވަނީ ސްޕަލްގެ ގޯލަށް ފުލުފުލުގައި ހަމަލާ އުފައްދަމުންނެވެ. އެގޮތުން މެޗުގެ 39 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
މިއީ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ފަސްފަހަރު ހޯދައިފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ސީނިއާ ކުޅުންތެރިޔެއްގެ ގޮތުގައި ކުޅުނު 1000 ވަނަ މެޗެވެ. އަދި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި އޭނާ ކާމިޔާބުކުރި ލަނޑާއެކު ރޮނާލްޑޯ ވަނީ އިތުރު ރެކޯޑެއްވެސް ހަދައިފައެވެ. މިއީ މިސީޒަނުގައި ރޮނާލްޑޯ ޖެހިޖެހިގެން ކޮންމެ މެޗެއްގައި ވެސް ލަނޑު ޖެހި 11 ވަނަ މެޗެވެ.
ރޮނާލްޑޯ ވަނީ މިހާތަނަށް އޭނާގެ ސީނިއާ ކެރިޔަރުގައި ކުޅުނު 1000 މެޗުން 725 ލަނޑު ކާމިޔާބުކޮށްފައެވެ. ހޮނިހިރު ދުވަހުގެރޭގެ މެޗާއި އެކު ރޮނާލްޑޯވަނީ މިހާތަނަށް ކްލަބް ފެންވަރުގައި 836 މެޗް އަދި ގައުމީ ޓީމަށް 164 މެޗު ކުޅެދީފައެވެ.
މެޗުގައި ޔުވެންޓަސްއިން ޖެހި ދެ ވަނަ ލަނޑަކީ މެޗުގެ 60 ވަނަ މިނެޓުގައި ޕައޮލޯ ޑިބާލާގެ އެހީތެރިކަމާއިއެކު އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ އާރޮން ރަމްސޭ ކާމިޔާބުކޮށްދިން ލަނޑެކެވެ. ނަމަވެސް އޭގެ ނުވަ މިނެޓުފަހުން ސްޕަލްއިން ވަނީ ލަނޑު ޖަހާ ފަރަގު ކުޑަ ކޮށްފައެވެ. މި ލަނޑު ލިބުނު ޕެނަލްޓީއަކުން އެޓީމަށް ކާމިޔާބުކޮށްދިނީ އަންޑްރޭ ޕެޓާނާ އެވެ.
މި މޮޅާއިއެކު ޔުވެންޓަސްއިން ވަނީ ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. ތާވަލުގެ އެއްވަނައިގައި ޔުވެންޓަސްއިން އޮތީ ކުޅުނު 25 މެޗުން ލިބުނު 60 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ލާޒިއޯ އަށް 24 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އިންޓަ މިލާނުން އޮތީ ކުޅުނު 24 މެޗުން ލިބުނު 54 ޕޮއިންޓާއެކުގައެވެ.