ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ލެވަންޓޭ އަތުން ރެއާލް މެޑްރިޑް ބަލިވިއިރު، އެއިބާ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަލުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.
ހޮނިހިރު ދުވަހުގެރޭ ނަތީޖާތަކަށްފަހު ބާސާ އެއްވަނައަށް އެރީ 25 މެޗުން 55 ޕޮއިންޓާއެކު އެވެ. ރެއާލް ދެވަނައަށް ވެއްޓުންއިރު، އެޓީމަށް 25 މެޗުން ލިބިފައިވަނީ 53 ޕޮއިންޓެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެއިބާ އަތުން ބާސާ މޮޅުވީ ފަސޭހަކަމާއެކު 5-0 އިންނެވެ.
މި މެޗުގައި ބާސާއިން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކުރީ އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އެވެ. މެސީގެ ފުރަތަމަ ލަނޑު މެޗުގެ 14 ވަނަ މިނެޓުގައި ކާމިޔާބުކުރީ އިވާން ރަކިޓިޗްގެ އެހީއާއެކު އެވެ. އަދި މެޗުގެ 37 ވަނަ މިނެޓުގައި އާޓޫރޯ ވިޑާލް ދިން ބޯޅައަކުން މެސީ ދެވަނަ ލަނޑު ކާމިޔާބުކުރިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން މެސީ ވަނީ ހެޓްރިކް ހަދާފައެވެ. މި ލަނޑު މެސީ ކާމިޔާބުކުރީ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ.
ބާސާގެ ހަތަރުވަނަ ލަނޑު މެސީ ކާމިޔާބުކުރީ މެޗުގެ 87 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބްރެއިތުވެއިޓް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. މި މެޗަކީ ބާސާގެ ޖާޒީގައި ބްރެއިތުވެއިޓް ކުޅުނު ފުރަތަމަ މެޗެވެ. އަދި އޭގެ ދެ މިނެޓު ފަހުން ބްރެއިތުވެއިޓްގެ އެހީއާއެކު ބާސާގެ ފަސްވަނަ ލަނޑު ކާމިޔާބުކުރީ އާތޫރު މެލޯ އެވެ.
މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ލެވާންޓޭ އަތުން ރެއާލް މެޑްރިޑް ބަލިވީ 1-0 އިންނެވެ. ލެވާންޓޭގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހޯސޭ ލުއިސް މޮރާލެސް އެވެ.
މި މެޗުގެ 67 ވަނަ މިނެޓުގައި ރެއާލްގެ ފޯވާޑް އެޑެން ހަޒާޑަށް އަނެއްކާވެސް އަނިޔާވުމުން ވަނީ ބަދަލުކޮށްފައެވެ. ދާދި ފަހުން އަނިޔާއިން ރަނގަޅުވުމަށްފަހު އެނބުރި ކުޅުމުގެ ތެރެއަށް އައި ހަޒާޑް މި މެޗުގެ ކުރިން ކުޅެފައިވަނީ އެންމެ މެޗެކެވެ.
ލީގުގައި ހޮނިހިރު ދުވަހުގެރޭ ރެއާލް ބަލިވުމުން އެންމެ ފަހުގެ ޗެމްޕިއަން ބާސާ ތާވަލުގެ އެއްވަނައަށް ޖެހިލިއިރު، އަންނަ މާޗު މަހުގެ ދެވަނަ ދުވަހު މި ދެޓީމު ބައްދަލުކުރާނެއެވެ. ރެއާލް އާއި ބާސާ ބައްދަލުކުރާ އެލް ކްލަސިކޯ މެޗު ކުޅޭނީ ރެއާލްގެ ދަނޑުގައެވެ.