ބޮލީވުޑް އެކްޓްރެސް ކެޓްރީނާ ކައިފް އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި މެގަ ސްޓާ ސަލްމާން ހާންއާއެކު ކުޅެމުންދާ ފިލްމް "ޓައިގާ ޒިންދާހޭ" ޝޫޓް ކުރުމަށް މި ދެތަރިން މިހިނގާ މާރޗް މަހުގެ ތެރެގައި ވަނީ އޮސްޓްރިއާއަށް ގޮސްފައެވެ.
ކެޓްރީނާ އޭނާގެ ޝޫޓިން ނިންމާލުމަށްފަހު އެނބުރި މުމްބާއީ އަށް އައިސްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. އަދި އޭނާ ވަނީ މުމްބާއީ އެއަރޕޯޓްގައި ނަގާފައިވާ ފޮޓޯތަކެއް ޓުވީޓް ކޮށްފައެވެ.
ކެޓްރީނާ އޮސްޓްރިއާއަށް ގޮސްފައިވަނީ "ޓައިގާ ޒިންދާހޭ"ގެ ޓައިޓްލް ލަވަ "ދިލް ދިޔަން ގައްލަން" ގެ ރޮމޭންޓިކް މަންޒަރުތަކެއް ސަލްމާން އާއެކު ޝޫޓް ކުރުމަށް ކަމަށް ޚަބަރުތައް ބުނެއެވެ.
މި ފިލްމްގެ ޝޫޓިންގެ މަންޒަރެއް ދައްކުވައިދޭ ފޮޓޯއެއް ސަލްމާން ހާން ވަނީ ޓުވިޓާ މެދުވެރިކޮށް ބެލުންތެރިންނާ ހިއްސާކޮށްފައެވެ.
"ޓައިގާ ޒިންދާ ހޭ" ފުރަތަމަ މަންޒަރު ސަލްމާން ހިއްސާކޮށްފައިވާއިރު އެ ފޮޓޯ އިން ފެނިގެން ދަނީ ދެ މީހުން އެކަކު އަނެކަކަށް ބަލަން ތިބޭ މަންޒަރެވެ.
ސަލްމާން ހާން މި ފިލްމުގައި ފެނިގެން ދާނީ އިންޑިއާގެ ޖާސޫސީ އިދާރާ ކަމަށްވާ ރޯ ގައި މަސައްކަތްކުރާ އެޖެންޓެއްގެ ރޯލެވެ. އަދި ކެޓްރީނާ ފެނިގެން ދާނީ ޕާކިސްތާނުގެ ޖާސޫސީ އިދާރާގައި މަސައްކަތްކުރާ ސްޕައި އެޖެންޓެއްގެ ރޯލެވެ.
މި ދެތަރިން އެކުގައި އެންމެ ފަހުން ފެނިފައިވަނީ މީގެ ފަސް އަހަރު ކުރިން "އޭކް ތާ ޓައިގާ" އިންނެވެ.
"ޓާއިގާ ޒިންދާހޭ" އަކީ ބެލުންތެރިންގެ ފަރާތުންނާއި ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "އޭކް ތާ ޓައިގާ" ގެ ދެވަނަ ބައެވެ.