ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ބުރާސްފަތި ދުވަހުގެރޭ ރަށުން ބޭރުގައި އޮލިމްޕިއާކޯސް އަތުން 1-0 އިން އާސެނަލް މޮޅުވެއްޖެ އެވެ.
އޮލިމްޕިއާކޯސް ދަނޑުގައި ކުޅުނު މި މެޗުގައި އާސެނަލުން ޖެހި ހަމައެކަނި ލަނޑު މެޗު ނިމެން ނުވަ މިނެޓަށް ވެފައި ހުއްޓައި އެޓީމަށް ކާމިޔާބުކޮށްދިނީ އަލެކްސަންޑަ ލަކަޒޭޓް އެވެ. އޭނާ މި ލަނޑު ޖެހީ ޕިއޭ-އެމެރިކް އޮބާމަޔަން އާއި ބުކާޔޯ ސަކާ ގުޅިގެން އުފެއްދި އެޓޭކެއްގައެވެ.
އޭގެ ފަހުން ލީޑު ފުޅާކުރުމަށް އާސެނަލްގެ ގްރީސް ޑިފެންޑަރު ސޮކްރަޓިސް ޕަޕަސްތޮޕަލަސްއަސް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭނާ ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން އާސެނަލް މޮޅުވިއިރު، އާސެނަލްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.
މީގެ އިތުރުން ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ބުރާސްފަތި ދުވަހުގެރޭ މެންޗެސްޓާ ޔުނައިޓެޑާއި ކްލަބް ބްރޫޖް ބައްދަލުކުރި މެޗު ވަނީ އެއްވަރުވެފައެވެ.
ބްރޫޖްގެ ދަނޑުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ބްރޫޖުންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި ގޯލްކިޕަރު ސިމޮން މިންޔޮލޭ ދިން ބޯޅައަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެމަނުއަލް ޑެނިސް އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 36 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ އެންތަނީ މާޝިއަލް އެވެ.
ބްރޫޖްގެ ދަނޑުގައި ކުޅުނު ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗު އެއްވަރުވިއިރު، ޔުނައިޓެޑްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.
ރޭ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ވުލްވްސް މޮޅުވީ އަމިއްލަ ދަނޑުގައި އެސްޕަންޔޯލް އަތުން 4-0 އިން މޮޅުވެފައެވެ. އަދި ރޭންޖާސް އިން ވަނީ ފަހަތުން އަރައި 3-2 އިން ބްރާގާ ބަލިކޮށްފަ އެވެ.