ޔޫރަޕްގެ މުބާރާތްތަކުން މެންޗެސްޓާ ސިޓީ ސަސްޕެންޑް ކުރުމަށް ނިންމި ނިންމުމަށް ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު މަރުހަބާ ކިޔުމުން، އޭނާއަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ރައްދު ދީފިއެވެ.
ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ އުސޫލުތަކާ ހިލާފުވުމުގެ އިތުރަށް ޔުއެފާ ކްލަބު ލައިސަންސިންގައި މަކަރު ހަދާފައި ވާތީ ޔުއެފާއިން ވަނީ ކުރިއަށް އޮތް ދެ ސީޒަނަށް ޔޫރަޕުގެ މުބާރާތްތަކުން ސިޓީ ސަސްޕެންޑް ކޮށްފައެވެ. އަދި އެޓީމު ވަނީ 30 މިލިއަން ޔޫރޯއިން ޖޫރިމަނާވެސް ކޮށްފައެވެ. އެކަމަކު ސިޓީން މިހާރު ވަނީ މި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) ގައި އިސްތިއުނާފަށް ހުށަހަޅާފައެވެ.
ޔުއެފާއިން ސިޓީ ސަސްޕެންޑް ކުރުމަށް ނިންމުމާ ގުޅިގެން، އެ ނިންމުމަށް ބާސާގެ ރައީސް ބާޓޮމެއުގެ އިތުރުން ލަލީގާގެ ރައީސް ހަވިއޭ ޓޭބާސް ވަނީ މަރުހަބާ ކިޔާފައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ ވެސްޓް ހޭމް އަތުން މޮޅުވި މެޗަށް ފަހު ގާޑިއޯލާ ބުނީ މާ އަޑުގަދަކޮށް ބާސެލޯނާގެ ރައީސް ވާހަކަ ނުދައްކަން އެދޭ ކަމަށެވެ. އެއީ ކޮންމެ ޓީމަކުންވެސް އެކި ހިސާބުގައި ގޯސްތަކެއް ހަދާފައި ހުންނާނެތީ ކަމަށާއި އޭނާގެ އުންމީދަކީ އިސްތިއުނާފް ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުން ކަމަށްވެސް ވަނީ ބުނެފައެވެ.
ސިޓީގެ ސަސްޕެންޝަނާ ގުޅިގެން މި ސީޒަނަށްފަހު ގާޑިއޯލާ އެޓީމު ދޫކޮށްލާނެ ކަމަށް ބެލެވުނު ނަމަވެސް، ގާޑިއޯލާ ބުނީ އެ ޓީމުން އޭނާ ވަކި ނުކުރާހާ ހިނދަކު ޓީމުގައި ދެމިހުންނާނެ ކަމަށެވެ.
އެފްއެފްޕީ ގަވާއިދާ ހިލާފުވެގެން ޔުއެފާއިން މީގެ ކުރިން ވެސް ވަނީ ސިޓީ އަށް 2014 ވަނަ އަހަރު އަދަބު ދީފައެވެ. އެ ފަހަރު 49 މިލިއަން ޕައުންޑުން ޖޫރިމަނާ ކުރުމަށް ފަހު، އެ އަހަރުގެ ޗެމްޕިއަންސް ލީގުގައި ސިޓީގެ ސްކޮޑު މަދުކުރަން ނިންމިއެވެ.