14 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުއީންސް ބާސްކެޓްބޯލް ކްލަބު ހޯދައިފި އެވެ.
މިފަހަރުގެ އަންހެން ޑިވިޝަނުގައި ފަސް ޓީމެއް ވަނީ ވާދަކޮށްފައެވެ. އެއީ ކުއީންސް އާއި އެލީޓް ސްޕޯޓްސް ކްލަބާއި ޓީރެކްސް ސްޕޯޓްސް އެކަޑަމީ އާއި ބެންޗް ސްޕޯޓްސް ކްލަބު އަދި ލައިނެސް ސްޕޯޓްސް އެވެ.
އަންހެން ބައިގެ ޗެމްޕިއަންކަން ކުއީންސް ހޯދީ ކުޅުނު 8 މެޗުން ވެސް މޮޅުވެ 16 ޕޮއިންޓާއެކުއެވެ. ދެވަނަ ހޯދި އެލީޓަށް 14 ޕޮއިންޓު ލިބުނުއިރު، ތިންވަނައަށް ދިޔަ ބެންޗްއަށް ލިބުނީ 12 ޕޮއިންޓެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ބުދަ ދުވަހުގެރޭ ކުޅުން އަންހެން ބައިގެ ފަހު މެޗުން ކުއީންސް ވަނީ އެލީޓް ސްޕޯޓްސް ކްލަބު އަތުން 82-45 ޕޮއިންޓުން މޮޅުވެފައެވެ.
މި މެޗުގެ ފުރަތަމަ ކުއާޓަރު ނިމުނީ 20-14 އިން ކުއީންސް ކުރީގައި އޮވެގެންނެވެ. ދެވަނަ ކުއާޓަރުގައި ކުއީންސްއިން 14 ޕޮއިންޓު އެއްކުރިއިރު، އެލީޓަށް އެއްކުރެވުނީ 6 ޕޮއިންޓެވެ. އަދި ތިންވަނަ ކުއާޓަރު ނިންމާލިއިރު ކުއީންސް ކުރީގައި އޮތީ 59-29 ޕޮއިންޓުގެ ބޮޑު ލީޑަކާއެކު އެވެ.
ބުދަ ދުވަހުގެރޭގެ މެޗު ކާމިޔާބުކޮށް ކުއީންސްއިން އަންހެން ބައިގެ ޗެމްޕިއަންކަން ހޯދިއިރު، މިފަހަރުގެ އަންހެން ބައިގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ކުއީންސްގެ އައިމިނަތު އިސްރާއު އަބްދުލް ޝުކޫރާއި ފާތިމަތު ޝައިލާން އަފްޒަލް އަދި އައިޝަތު ރީމާގެ އިތުރުން އެލީޓްގެ އައިމިނަތު ޝިއުރާ އަބްދުލް ބާރީ އަދި ބެންޗުގެ ހުސްނާ މުހައްމަދު އެވެ.
އަންހެން ބައިގެ ކުޅުން ބުދަ ދުވަހުގެރޭ ނިމުނުއިރު، ގައުމީ ބާސްކެޓްބޯޅަ ލީގުގައި ބުރާސްފަތި ދުވަހު ކުރިއަށްދާނީ ފިރިހެން ބައިގެ ފަހު މެޗުތަކެވެ.