ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ބުދަ ދުވަހުގެރޭ ޓޮޓެންހަމް ހޮޓްސްޕާސްގެ މައްޗަށް އާރުބީ ލެއިޕްޒީގް ކުރިހޯދައިފި އެވެ.
ލެއިޕްޒީގުގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 2-1 އިންނެވެ.
މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެންގޮސްފައި ނުވާއިރު، މެޗުގައި ލެއިޕްޒީގުން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން 13 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓިމޯ ވާނާ އެވެ.
ލެއިޕްޒީގްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން މިދިޔަ އަހަރު ފައިނަލްގައި ކުޅުނު ޓޮޓެންހަމް ބަލިވިއިރު، ޓޮޓެންހަމްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މާޗު މަހުގެ 11 ވަނަ ދުވަހު އެވެ.
މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ބުދަ ދުވަހުގެރޭ އެޓަލާންޓާއިން ވަނީ ވެލެންސިއާ 4-1 އިން ބަލިކޮށްފައެވެ.
އެޓަލާންޓާގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަސް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް އެޓީމު ދަތުރުކުރިއިރު، ދެވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެޓަލާންޓާއިން ލީޑު ނެގީ މެޗުގެ 16 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަންސް ހަޓޭބޯ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓަލާންޓާއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 42 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ޖަހައިދިނީ ޖޯސެފް އިލިސިޗް އެވެ.
މެޗުގެ 57 ވަނަ މިނެޓުގައި ރެމޯ ފްރޫލާ އެޓަލާންޓާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރި ހަންސް ހަޓޭބޯ އެވެ.
މި މެޗުގައި ވެލެންސިއާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު 66 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ޑެނިސް ޗެރީޝޭވް އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން އެޓަލާންޓާ މޮޅުވިއިރު، ވެލެންސިއާގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މާޗު މަހުގެ 11 ވަނަ ދުވަހު އެވެ.