ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ އަޔާޒް އަހުމަދު (އަޔާ) ސްކޮޑުން ބާކީކޮށް، ކްލަބު އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ޓީމުން ފުރުސަތު ދީފި އެވެ.
ގައުމީ ޓީމުން ތައްޔާށރުވަމުން އަންނަނީ ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި އަންނަ މަހު ކުޅެން އޮތް ދެ މެޗަށެވެ.
ހަންނަ ގައުމީ ޓީމުގެ ސްކޮޑަށް ނެގިއިރު، އައު ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އިރުޝާދުގެ ދަށުން އެންމެ ފުރަތަމަ އެކުލަވާލި ސްކޮޑަށް މިހާރު ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ. އެގޮތުން ހަންނަގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބުގެ އިސްމާއިލް އީސަ (މެސީ) އާއި އިޝާން އިބްރާހިމް (ސައްޓު) އަދި ކްލަބު ގްރީން ސްޓްރީޓްސްގެ މުހައްމަދު އުމެއިރަށްވެސް ފަހުން ވަނީ ފުރުސަތު ދީފައެވެ.
ގައުމީ ސްކޮޑުން އަޔާ ބާކީކުރިއިރު، އޭނާއަށް އެންމެ ފުރަތަމަ ގައުމީ ޓީމުން ޖާގަދިނީ ކުރީގެ ކޯޗު ޕީޓަ ސެގާޓްއެވެ. އަޔާ ވަނީ ކޮލިފައިންގައި ސީރިއާ އަތުން 2-1 އިން ރާއްޖެ ބަލިވި މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރާފައެވެ.
އަޔާގެ ބަދަލުގައި ގައުމީ ޓީމުގެ ސްކޮޑުން ޖާގަދިން ޒުވާން ފޯވާޑް ހަންނައަށް އަދި މިހާތަނަށް ގައުމީ ޓީމުގެ ފައިނަލް ސްކޮޑުން ޖާގައެއް ނުލިބެއެވެ. ކޮލިފައިންގައި ކުރިއަށް އޮތް ދެ މެޗަށް ތައްޔާރުވުމަށް ގައުމީ ޓީމުން ފަރިތަކުރަމުން އަންނަނީ 31 ކުޅުންތެރިންގެ ސްކޮޑަކާއެކު އެވެ. އަދި މި ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ތައިލެންޑް ނުވަތަ މެލޭޝިއާގައި ކޭމްޕް ކުރުމަށް ގައުމީ ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކޮލިފައިންގައި އަންނަ މަހު 26 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. އަދި 31 ވަނަ ދުވަހު މާލޭގައި ސީރިއާއާ ބައްދަލުކުރާނެ އެވެ.
ކޮލިފައިންގައި ރާއްޖެ އޮތް ގްރޫޕް އޭގެ އެއްވަނައިގައި ސީރިއާ އޮތީ 5 މެޗުންވެސް މޮޅުވެ 15 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ޗައިނާއިން ވަނީ 4 މެޗުން 7 ޕޮއިންޓް ހޯދާފައެވެ. ތިންވަނައިގައި އޮތް ފިލިޕީންސް ވެސް ވަނީ 5 މެޗުން 7 ޕޮއިންޓް ހަމަކޮށްފައެވެ. ހަތަރުވަނައިގައި އޮތް ރާއްޖެއަށް 5 މެޗުން ލިބިފައިވަނީ 6 ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.