ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފި އެވެ.
އެތުލެޓިކޯގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން އެޓީމު ލިވަޕޫލްގެ މައްޗަށް ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.
އަންގާރަ ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި އެތުލެޓިކޯއިން ވަނީ ލީޑު ނަގާފައެވެ. ކޯނަރަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސައުލް ނިގޭޒް އެވެ.
އެ ލަނޑަށްފަހު ފުރަތަމަ ހާފު އެއްކޮށް ލިވަޕޫލުން ޑޮމިނޭޓުކުރި ނަމަވެސް، މި ހާފުގައި އެޓީމަށް ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އަދި މުޅި މެޗުގައިވެސް ލިވަޕޫލަށް އެތުލެޓިކޯގެ ގޯލާ އަމާޒުކޮށް ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އެކަމަކު ނަތީޖާ އެއްވަރުކުރުމަށް ލިވަޕޫލަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބިފައެވެ. އެގޮތުން އެޓީމުގެ ފޯވާޑް މުހައްމަދު ސަލާހު ބޮލުން ފޮނުވާލި ބޯޅަ އަރިމަތީ ދަނޑި ކައިރިން ބޭރަށް ދިޔައިރު، ކެޕްޓަން ޖޯޑަން ހެންޑަސަން އޭރިއާ ތެރެއިން ފޮނުވާލި ހަމަލާވެސް ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.
އެތުލެޓިކޯގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން ލިވަޕޫލް ބަލިވިއިރު، ލިވަޕޫލްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މާޗު މަހުގެ 12 ވަނަ ދުވަހު އެވެ.
މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އަންގާރަ ދުވަހުގެރޭ ބޮރޫޝިއާ ޑޯޓްމުންޑް ވަނީ 2-1 އިން ޕީއެސްޖީގެ މައްޗަށް ކުރިހޯދާފައެވެ.
ޑޯޓްމުންޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެޓީމުންނެވެ. 69 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖެނުއަރީ މަހު ސާލްޒްބާގުން ޑޯޓްމުންޑަށް ބަދަލުވި އުމުރުން 19 އަހަރުގެ އާލިން ހާލަންޑެވެ.
އެކަމަކު 75 ވަނަ މިނެޓުގައި ނޭމާ ވަނީ ޕީއެސްޖީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭގެ ދެ މިނެޓު ފަހުން ޑޯޓްމުންޑަށް އަލުން ލީޑު ނަގައިދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރި ހާލަންޑެވެ.
މި މެޗުގައި ޖެހި ދެ ލަނޑާއެކު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ހާލަންޑް މިހާތަނަށް ވަނީ 10 ގޯލް ޖަހާފައެވެ. އެއީ ޖެނުއަރީގެ ކުރިން ގްރޫޕް ސްޓޭޖުގައި ސާލްޒްބާގަށް ކާމިޔާބުކޮށްދިން 8 ލަނޑު ހިމަނައިގެންނެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން ޑޯޓްމުންޑް މޮޅުވިއިރު، ޕީއެސްޖީގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މާޗު މަހުގެ 12 ވަނަ ދުވަހު އެވެ.