ޓޮޓެންހަމްއަށް ކުޅެމުން އަންނަ ސައުތް ކޮރެއާގެ ކުޅުންތެރިޔާ ސޮން ހެއުން މިން އަށް އަނިޔާވެ ކުޅުމާއި ދުރަށް ދާންޖެހިއްޖެއެވެ.
ޓޮޓެންހަމްގެ ފޯވާޑް ސޮންއަށް އަނިޔާވީ އާދީއްތަ ދުވަހު އެސްޓަން ވިލާ އަތުން 3-2 ގެ ނަތީޖާއަކުން ޓޮޓެންހަމް މޮޅުވި މެޗުގައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ސޮންގެ އަތަށް ލިބިފައިވާ އަނިޔާއާއި ގުޅިގެން އޭނާ އޮޕަރޭޝަނެއް ކުރަން ޖެހެއެވެ.
އަނިޔާ އާއި ގުޅިގެން ސޮންއަށް ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ލައިޕްޒީގް އާއި ދޮކޮޅަށް ކުޅޭ މެޗާއި ޗެލްސީއާއި ދެކޮޅަށް ޓޮޓެންހަމް ނުކުންނަ މެޗު ނުކުޅެވޭނެއެވެ.
މި ސީޒަނުގައި ޓޮޓެންހަމްއަށް އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް އެޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ވެސް ވަނީ ބުނެފައެވެ. އެގޮތުން ޓޮޓެންހަމްގެ އިތުބާރު ފޯވާޑް ހެރީ ކޭންއަށް އަނިޔާވެފައިވާއިރު ޓޮޓެންހަމްއިން ބުނީ ކޭންގެ އަނިޔާ ސީރިއަސް ކަމަށެވެ.
ޖަރުމަނުގެ ކްލަބެއް ކަމުގައިވާ ބަޔާން ލެވެކޫސަންއަށް ވެސް މީގެ ކުރިން ކުޅެފައިވާ ސޮން ވަނީ އެޓީމަށް ކުޅެދިން 62 މެޗުގައި 21 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން 2015 ގައި ޓޮޓެންހަމްއަށް ސޮން ބަދަލުވެ އެޓީމަށް މިހާތަނަށް ކުޅެދިން 151 މެޗުން ސޮން ވަނީ 51 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ކޮރެއާގެ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 87 މެޗުން ސޮން ވަނީ 26 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.