ސްޕެއިންގެ ގަދަ ބާރު ބާސެލޯނާއިން ކުޅުންތެރިންގެ އަގު ވައްޓާލަން މަސައްކަތް ނުކުރާކަމަށް އެކްލަބުން ބުނެފިއެވެ.
ބާސާއިން މިހެން ބުނީ އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އާއި ޖެރާޑް ޕީކޭ އަދި ކުރީގެ ބައެއް ކުޅުންތެރިންގެ އަގު ވައްޓައިލާ ސޯޝަލް މީޑިއާގައި ކެމްޕޭން އެއް ހިންގުމަށް ބަޔަކާ ހަވާލުކުރި ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރަމުންނެވެ.
ސްޕެއިންގެ ބައެއް މީޑިއާތަކުން ބުނީ އެ ކްލަބްގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ދިފާއުކޮށް އޭނާއާއި ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވައްޓާލަން ބޭނުންވި ކަމަށް ތުހުމަތުކޮށްފައިވަނިކޮށެވެ. އަދި އެކަން ކުރުމަށް ކުންފުންޏެއްގެ އެހީ ބާސާއިން ހޯދިކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބާސާގެ ކެޕްޓަން މެސީ އާއި ޑިފެންޑަރ ޕީކޭގެ އިތުރުން ކުރީގެ ކުޅުންތެރިން ކަމަށްވާ ޒަވީ އަދި ޕުޔޯލް އަދި ކުރީގެ ކޯޗު ޕެޕް ގާޑިއޯލާގެ އަގު ވައްޓައިލުމަށް ބާސާއިން ޓުއިޓާ އަދި ފޭސްބުކް މެދުވެރިކޮށް މަސައްކަތްކޮށްފައިވާ ކަމަށެވެ.
ބާސާއިން ނެރުނު ނޫސްބަޔާނުގައި އެޓީމުން ބުނީ އެޓީމާއި ދެކޮޅަށް ދޮގުވާހަކަދައްކާ މީހުންނާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދޭނެ ކަމަށާއި، މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ކަންކަމަކީ ކަނޑައެޅިގެން ދޮގުކަމަށް ބުނެފައެވެ.
ބާސާގެ އެތެރޭގައި މައްސަލަ އުޅޭކަމުގެ އަޑުތައް މީޑިއާގައި ރިޕޯޓްކުރީ މެސީ އާއި އަބިޑާލް އާއި ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ސޯޝަލް މީޑިއާގައި ފާޅުކުރި ހިސާބުންނެވެ. މި މައްސަލައާއިއެކު ބާސާގެ ކެޕްޓަން ލިއޮނަލް މެސީ މި ސީޒަނަށްފަހު ބާސާ ދޫކޮށްދާނެ ކަމުގެ ވާހަކަތައްވެސް އަންނަނީ ފެތުރެމުންނެވެ. އަދި ބާސާއިން ވަނީ އެޓީމުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި އަބިޑާލް ހުންނާނެ ކަމަށް ބުނެފައެވެ.