ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 22:50
ސައުތު އޭޝިއަން ގޭމްސްގައި ފިރިހެން ވޮލީބޯޅަ ޓީމު ކުޅުނު މެޗެއްގެ ތެރެއިން
ސައުތު އޭޝިއަން ގޭމްސްގައި ފިރިހެން ވޮލީބޯޅަ ޓީމު ކުޅުނު މެޗެއްގެ ތެރެއިން
ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް
ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ފަސްކޮށްފި
ދެން މުބާރާތް އޮންނާނީ ސެޕްޓެމްބަރު މަހުގެ 4 އިން 11 އަށް

އަންނަ މަހު 22 އިން 28 އަށް ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިއޮތް ސެންޓްރަލް ޒޯން ފިރިހެން ވޮލީބޯޅަ މުބާރާތް ފަސްކޮށްފިއެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުހައްމަދު ލަތީފަށް ބަންގްލަދޭޝްގެ ވޮލީބޯޅަ ފެޑަރޭޝަނުން ހޯމަ ދުވަހު އަންގާފައި ވަނީ ކުރިން މުބާރާތް ބާއްވަން ހަމަޖެހިފައިވާ ތާރީޚަށް މިހާރު ބަދަލު ގެނެސްފައިވާ ކަމަށެވެ. މުބާރާތް މިހާރު ބޭއްވުމަށް ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުގެ 4 އިން 11 އަށް ކަމަށްވެސް ވަނީ އަންގާފައެވެ.

މުބާރާތުގައި ވާދަކުރާ 8 ގައުމަށް ބަންގްލަދޭޝްގެ ވޮލީބޯޅަ ފެޑަރޭޝަނުގެ ރައީސް ފޮނުވި މެއިލްގައި ބުނެފައި ވަނީ މުބާރާތް ފަސްކުރަން ޖެހުނީ އެ ގައުމުގެ ސަރުކާރުން ބޭނުންވެގެން ފުރިހަމަ ކުރަން ޖެހޭ ކަންތައް ހުރުމުން ކަމަށެވެ.

ރާއްޖޭގެ އިތުރުން ބޫޓާން އާއި ކިރިގިސްތާން އާއި ނޭޕާލް އާއި ތަޖިކިސްތާން އާއި ތުރުކުމަނިސްތާން އަދި އުޒްބަކިސްތާން ވާދަކުރާ މުބާރާތް ފަސް ކުރުމަކީ ރާއްޖެއަށް ލިބުނު އިތުރު ފުރުސަތެއް ކަމަށް ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް ވިދާޅުވިއެވެ.

މުބާރާތް ފަސް ކުރުމުން ބިދޭސީ ކޯޗަށް އިތުރު ފުރުސަތެއް ލިބިގެންދާނެ ޓީމު އިތުރަށް ރަނގަޅު ކުރަން. އަދި ކޯޗާއެކު ކުޅުންތެރިންނަށް މަސައްކަތް ކުރުމަށް ގިނަ ދުވަސްތަކެއް ލިބުމުން، ކޯޗާއި ކުޅުންތެރިންގެ އިތުބާރުވެސް މެޗާއި މެދު ބޮޑުވެގެންދާނެ.
ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް

މުބާރާތް ފަސްކޮށްފައިވާއިރު ސެންޓްރަލް ޒޯން އަންހެން އަދި ފިރިހެން ވޮލީބޯޅަ މުބާރާތްތަކަށް ތައްޔާރުވުމުގެ ގޮތުން ގައުމީ އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމު ޔޫރަޕަށް ދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ސާބިއާ އަށް ކުރެއްވި ދަތުރުފުޅުގައި ހޯދައިދިން ފުރުސަތެއްގައި މިދިޔަ އަހަރުގެ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމަށް ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ވަނީ ސާބިއާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ.

އިންޓަރިމް ކޮމިޓީ އަކުން ވޮލީބޯޅަ އެސޯސިއޭޝަންުގެ ހިންގުމާއި ހަވާލުވެގެން ތިބި ނަމަވެސް، ރާއްޖެއިން ބޭރުގައި ގައުމީ ވާދަކުރާ މުބާރާތް ތަކުގައި ޓީމު ބައިވެރިކުރުމާއި ފުރިހަމަ ކުރަން ޖެހޭ ހުރިހާ ލިޔުންތަކެއް ފޮނުވަން ޖެހެނީ މަގާމުން އެކަހެރިކޮށްފައިވާ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް މެދުވެރިކޮށެވެ.

އެހެން ނަމަވެސް ލަތީފް އާއި އޭނާގެ އެކްސްކޯއަށް އެސޯސިއޭޝަނުގައި މަސައްކަތް ނުކުރެވޭ ގޮތަށް ސްޕޯޓްސް ކޮމިޝަނުން އިންޓަރިމް ކޮމިޓީއެއް އެކުލަވާލައި، އެފްއައިވީބީ އާއި އޭވީސީން އަންގާފައިވާ ގޮތާއި ޚިލާފަށް މަސައްކަތް ކުރަމުންދާތާ މިހާރު ނުވަ މަސް ވަނީ ވެފައެވެ. މި މައްސަލާގައި އެފްއައިވީބީން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.

ގައުމީ ޓީމުތައް ރާއްޖެއިން ބޭރުގައި އޮންނަ މުބާރާތްތަކުގައި ވާދަކުރުމަށް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް ހުރަސްއަޅާ ކަމަށާއި ކުޅުންތެރިންނަށް ފުރުސަތުތައް ބަންދު ކުރަމުންދާ ކަމަށް ތުހުމަތުކޮށް ވޮލީބޯޅަ އެސޯސިއޭޝަން ހިންގުމާއި ހަވާލުވެތިބި އިންޓަރިމް ކޮމިޓީގެ މެމްބަރު އަދި ކުރީގެ ގައުމީ ކޯޗު މުހައްމަދު ސާޖިދު (ބޮޑު ކާއްޓޭ) ދާދި ފަހުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ލަތީފް ވަނީ ވިދާޅުވެފައެވެ.

ލަތީފް ވިދާޅުވީ ކޮންމެ މުބާރާތަކަށް ވެސް ގައުމީ ޓީމު ފޮނުވުމަށް އަބަދު ވެސް ވަރަށް އިސްކަންދޭ ކަމަށާއި އެސޯސިއޭޝަނުގެ އެކްސްކޯއިން ވޮލީބޯޅައަށް ދެރަވާނެ ކަމެއް ނުކުރާނެ ކަމަށެވެ.

ވޮލީ ނިކަމެތިކޮށް ވޮލީބޯޅައަށް ދެރަ ދެމުން އެ ދަނީ އަމިއްލަ އެދުމާއިގެން ވޮލީބޯޅައިގެ ތެރެއަށް ވަދެގެން އުޅޭ މީހުން. އެކްސްކޯގެ ބާރު ކަނޑުވާލާއި މަސައްކަތް ކުރުމަށް ހުރަސް އަޅައިގެން އުޅެނީ އެ ފަރާތްތަކުން. މި ހުރިހާ ދަތިތަކާއެކު ވެސް އަޅުގަނޑުމެން މިދަނީ ގައުމީ ޓީމަށް އެންމެ ރަނގަޅު ގޮތް ހޯދުމަށް މަސައްކަތް ކުރަމުން.
ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް